ފުނަދޫގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ކޮންކްރީޓް ލޭޔަރ އަޅަން ފަށައިފިއެވެ.
ފުނަދޫ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ފަސްގަނޑު ލެވެލްކޮށް ނިންމާ، ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އަސްފާލްޓް ކޮންކްރީޓް ބޭސް ނުވަތަ އޭ.ސީ.ބީ ލޭޔަރ އެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން މިހާރު ވަނީ ފަށާފައެވެ. އޭ.ސީ.ބީ ލޭޔަރއަކީ އާއްމުކޮށް ބޮޑެތި ހައިވޭތަކާއި، ރަންވޭ ފަދަ ތަންތަނުގައި ތާރު ފަށަލަ އެޅުމުގެ ކުރިން ހިލައާއި، ހިލަވެލި ހިމެނޭހެން އަޅާ ކޮންކްރީޓް ބޯ ފަށަލަތަކެކެވެ. މިފަށަލަތަކުގެ މައިގަނޑު ބޭނުމަކީ، ތާރުފަށަލަތައް ދިގު މުއްދަތަކަށް ހަލާކުވިޔަ ނުދީ ބެހެއްޓުމެވެ.
ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 89 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓް މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ތެރެއިން ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކުމާއި، ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން އެރަށުގައި އެޅުމަށް ނިންމާފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. ކުރިން 21 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާފައެވެ. ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މާރޗުމަހުގެ ތެރޭގައި އެއްކޮށް ނިންމާލާފައިވާއިރު، މިހާރު މިވަނީ އެއަރޕޯޓުގައި ރަންވޭ އެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވާންފަށާފައެވެ.
ށ. ފުނަދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު އެމް.ޓީ.ސީ.ސީން ކުރަމުންދާއިރު، އެރަށުގެ މަގުތައް ތާރުއަޅާގެން ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަނީ ހަމަ އެކުންފުނިންނެވެ. އެގޮތުން އެރަށުގެ މައި ހުރިހާ މަގުތަކެއް ހިމެނޭހެން 4.8 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، މި ހިނގާ އޯގަސްޓްމަހުގެ ތެރޭގައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެމް.ޓީ.ސީ.ސީން ބުނެއެވެ.