ކުޅިވަރު

ޖަރުމަނުގެ މޮޅު ކުޅުންތެރިއަކަށް ކްރޫސް، ކޯޗަށް ހެއިންކްސް


ޖަރުމަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ރެއާލް މެޑްރިޑްގެ ޓޯނީ ކްރޫސް އަދި އެންމެ މޮޅު ކޯޗަކަށް ބަޔާން މިއުނިކްގެ ކޯޗު ޔަޕް ހެއިންކްސް ހޮވައިފިއެވެ.

އުމުރުން 28 އަހަރުގެ ކްރޫސް އަކީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދޭން އެންމެ ބޮޑަށް އެހީތެރިވެދިން ކުޅުންތެރިޔާއެވެ. އަދި މިދފިޔަ މަހު ރަޝިޔާގައި ނިމުނު ވަރލްޑް ކަޕުގެ ފުރަތަމަ ބުރުން ކެޓި ޖަރުމަނު ޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއަކީ ވެސް އޭނާއެވެ.

"މި މަޤާމު ލިބުމަކީ ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ ކަމެއް. މިއީ ހުރިހާ ކުޅުންތެރިންނަށް ލިބޭނެ ކާމިޔާބީއެއްނޫން. އަދި މިއީ އެހާ ފަސޭހައިން ހޯދޭނެ ކާމިޔާބީއެއްވެސްނޫން،" ކްރޫސް ބުންޏެވެ.

އެންމެ މޮޅު ކޯޗުގެ މަޤާމު ހެއިންކްސްއަށް ލިބުނުއިރު އޭނާ ވަނީ ނިމިދިޔަ ސީޒަނުގެ ބުންޑަސްލީގާ ބަޔާންއަށް ކާމިޔާބު ކޮށްދިނުމަށްފަހު ކޯޗުކަން ހުއްޓާލައިފައެވެ. ހެއިންކްސް ބަޔާންގެ ކޯޗުކަމާ ހަވާލުވީވެސް ސީޒަނުގެ ފުރަތަމަ ކޮޅު ނަތީޖާތައް މާބޮޑަށް ދަށަށް ދިއުމުންނެވެ. އެއިރު އޭނާ ހުރީ ކޯޗުކަން ކުރުން ހުއްޓާލައިގެންނެވެ.

"އަހަރެން އުފާވޭ އެންމެ މޮޅު ކޯޗަކަށް ނޫސްވެރިން އަހަރެން ހޮވީމަ. އެކަމަކު އަހަރެންގެ އެންމެ ބޮޑު ޝުކުރެއް އޮތީ އަހަންނަށް ވޯޓުނުދޭ މީހުންނަށް. އެއީ ވަރަށް މޮޅު އަދި އަރަމުން އަންނަ ޒުވާން ކޯޗުން ބައިވަރު މިހާރު އެބަތިބި. އެމީހުންނަށް އިނާމެއް ހައްޤު،" ހެއިންކްސް ބުންޏެވެ.

އޭނާ ބުނީ ކޯޗިންގ ކެރިއަރުގައި ވަރަށް ގިނަ އަހަރު ހޭދަކުރެއްވިއްޖެ ކަމަށާއި، ނަމަވެސް އޭނާ ކޯޗުކޮށްދިން ކުޅުންތެރިންގެ ތެރެއިން ޓޯނީ ކްރޫސް އަކީ ވަރަށް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެއް ކަމަށެވެ.