ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ތާޢީދު އިތުރުކުރުމުގެ ގޮތުން އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މެލޭޝިޔާގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވައިފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާޢީދު ހޯދުމުގެ ގޮތުން ޑރ. ޝަހީމް މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ، އިންޓަރ ނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) އާއި ފަސްޓް ސިޓީ ޔުނިވަރސިޓީ ކޮލެޖްގެ އިތުރުން ސަންވޭގައި ތިބޭ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރައްވާފައެވެ.
ކިޔަވާ ކުދިންނާއި ބައްދަލުކުރައްވާ ޝަހީމް ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީންގެ ތައުލީމީ ސިޔާސަތުގެ ދަށުން މުސްތަޤްބަލުގައި ބޭރުގެ ޤައުމުތަކުގައި ތަޢުލީމް ހާސިލްކުރާ ދިވެހިންގެ މަންފާއާއި މަސްލަހަތަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި އެ ދަރިވަރުންނާ ބައްދަލުކޮށް ހުރި ދަތިތައް އޮޅުންފިލުވުމަކީ ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށްވެސް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޑރ.ޝަހީމްގެ މިދަތުރުފުޅުގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައްވެސް ވަނީ ބައްލަވާލައްވާފައެވެ. އަދި ދަތިވާކަންކަން ހައްލުކޮށްދެއްވުމަށް މަސައްކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.
ރިޔާސީ އިންތިޚާބުގައި މެލޭޝިއާގައިވެސް ވޯޓު ފޮށްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، މެލޭޝިއާއަކީ ވަރަށް ގިނަ ޢަދަދެއްގެ ދިވެހިން ތަޢުލީމު ހާސިލްކުރުމަށާއި އެކި އެކި ބޭނުންތަކުގައި ދިރިއުޅެމުން އަންނަ ޤައުމެކެވެ.