މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ރޭ ގައުމީ ފުޓްބޯޅަ ޓީމާ ދަރުބާރުގޭގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރަހައްދުގެ އެންމެ މޮޅު ޓީމަކީ ރާއްޖެ ކަމަށާއި މުބާރާތަށް ދާންވާނީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި ދިވެހިންނަކީ ކުޅިވަރު ދަނޑުތަކުގައި އެހާ ފަސޭހައިން ބަލިވެގެންވާނެ ބައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އަންނަ މަހު ބަނގްލަދޭޝްގައި ބާއްވާ މުބާރާތަށް ފުރުމުގެ ކުރިން ޓީމާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ގައުމީ ޓީމަށް ދަތިވެފައިވާ ކަންތައްތައް އެމަނިކުފާނަށް ވިދާޅުވެދެއްވުމުން ތަށި ހޯދުމަށް ބޭނުންވާ ހުރިހާ ކަމެއް ވެސް ކޮށްދެއްވާނެ ކަމަށެވެ.
.
"މިފެށޭ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދެއްވާ. ގައުމީ ޓީމަށް ބޭނުންވާ ކޮންމެ ކަމެއް ކޮށްދެއްވާނަން. ނެޝަނަލް ސްކޮޑް ރައީސަށް ދަންނަވާ ބޭނުންވަނީ މިވެނި ކަމެކޭ. އެކަން ކޮށްދޭނަން. ކެޕްޓަނުގެ އަޒުމަކަށްވާނީ ތަށި ރައީސްގެ އަތްޕުޅަށް އެރުވުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ދިވެހި ޓީމުތައް މީގެ ކުރިން މުބާރާތްތަކަށްދިޔައީ ތަޖުރިބާ ކުރެމުގެ ގޮތުން ކަމަށާއި މިފަދަ ގޮތަކަށް މުބާރާތްތަކުގައި ބައިވެރިވުމުން ރާއްޖެ ކޮޅަށް 17 ލަނޑު ވަދެފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު މުބާރާތަށް ޓީމު ފޮނުވަނީ ރީތި ކުޅުމެއް ދައްކާކަށްނޫން. މީގެ ކުރިން ބައިވެރިވަނީ ތަޖުރިބާ ހޯދަން. މިއަދު އެކަން ބަދަލުވެއްޖެ. ކުޅިވަރުން ނަގައިދޭ ފިލާވަޅަކީ އެހާ ފަސޭހައިން ބަލިވެގެން ނުވާނެއޭ. އަޅުގަނޑުމެން ބައިވަރިވާންޖެހޭނީ ކުރިބޯއްޓާ ހަމައަށްދާން،" ރައީސް ވިދާޅުވި އެވެ.
ވޯލްޑް ކަޕުގައި ވާދަކުރި އައިސްލޭންޑާއި ކްރޮއޭޝިޔާގެ މިސާލު ނަންގަވަމުން ރައީސް ވިދާޅުވީ މި ދެ ގައުމަކީ މީސްކޮޅު މަދު ދެ ގައުމު ކަމަށާއި އެ ދެ ގައުމު ހޯދި ކާމިޔާބީއަށް ބަލާއިރު ކުޅިވަރުގައި ކުރިއަށް ދިއުމަށް ދިވެހިން ވެސް އުއްމީދު ނުކުރާންވީ ސަބަބެއް ނެތް ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް ރާއްޖެ މިހާތަނަށް ކާމިޔާބު ކުރީ 2008ގަ އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިޔާ އާއި ލަންކާއާއެކު ގްރޫޕް ބީގަ އެވެ.