ޚަބަރު

2008ގައި ވެރިކަން ބަދަލުކުރުމަށް ދިވެހި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވޭ - ރައީސް


ދަޢުލަތް ބާރުވެރިކޮށް ދަޢުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުމަކީ ޤައުމުގެ މިނިވަންކަން ރައްކާތެރިކޮށް، ޤައުމީ ސަލާމަތްކަން ކަށަވަރުކުރުމުގެ އެންމެ މުހިއްމު އަސާސްކަމުގައި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާތަބުކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ޙާރިޖީ ސިޔާސަތާއި ޤައުމިއްޔަތުގެ މައްޗަށް ވަރަށް ތަފްސީލީ ނަޒަރަކުން ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖޭގެ މިނިވަންކަމަށް 53 އަހަރު ފުރުން ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ދުނިޔޭގެ އެކި ޤައުމުތަކުގެ ކަންކަން ހަމަޖައްސާފައިވާގޮތާއި، ޤައުމުތަކާމެދު އޮންނަންވާ ގުޅުމާއި، ކުރެވޭ މުޢާމަލާތުގެ އުޞޫލުތަކުގައި ކޮންމެ މިނިވަން ޤައުމަކީވެސް ދުނިޔޭގެ މައިދާނުގައި އަމިއްލަ ބަސްބުނާ، ޤައުމުގެ އެތެރޭގެ ކަންކަން ކުރުމުގައި ފުރިހަމަ ބާރު ލިބިގެންވާ ޤައުމެއްކަމަށެވެ. އަދި އެބަޔަކު އިންތިޚާބު ކޮށްފައިވާ ސަރުކާރަކަށް ޤައުމުގެ އެތެރޭގެ ކަންކަން ނިންމުމުގެ ފުރިހަމަ އިޙްތިޔާރު ލިބިދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ މިއަދުގެ ޚާރިޖީ ގުޅުންތަކަކީ ދުނިޔޭގެ ތަރައްޤީއާއި ތަމައްދުނުގައި ދިވެހިންގެ ފައިތިލަ ސާބިތުކޮށް، ދުނިޔޭގެ މައިދާނުގައި ހަމަ އިސްކޮޅަށް ދެމިލުމަށް ޤާއިމުކުރެވޭ ގުޅުންތަކެއްކަމަށެވެ. އަދި ދިވެހިރާއްޖެ މިހާރު ވަނީ ޚާރިޖީ ސިޔާސަތުގައިވެސް އައު ބާބެއް ފަށާފައިކަމަށާއި، މިއީ ދިވެހިންނަކީ ބަޔަކު ފުރުޞަތު ދިނުމުން ބަސްބުނާ ބަޔަކަށްވުމުގެ ބަދަލުގައި އަމިއްލަ ހައިސިއްޔަތުން ދިވެހިންގެ އަޑާއި ދިވެހިންގެ ނިންމުން އެހެން މީހުންނަށް އިއްވުމަށް ކުރާ ދަތުރުއެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ މައިދާނުގައި މިހާރު ރާއްޖެ ކުރަމުންދާ ދަތުރަށް ބަލާއިރު ރާއްޖެއާއި ބައްދަލުކުރަނީ އެކި ފިކުރުކަން ދިވެހި ރައްޔިތުން ދަންނަންޖެހޭކަމަށާއި، މިހުރިހާކަމެއްގެ ތެރެއިންވެސް ދިވެހިންގެ މިނިވަންކަން ނުވަތަ އިސްލާމީ ޝަޚްޞަށް އެއްވެސް ގެއްލުމެއް ވެދާނޭ ކަމަކަށް ފުރުޞަތު ނުދިނުމަށް ހޭލާ ތިބެންޖެހޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"ދުނިޔޭގެ މައިދާނުގައި މިހާރު ރާއްޖެ ކުރަމުންމިދާ ދަތުރަށް ބަލައިލާއިރު، ރާއްޖެއާ ބައްދަލުކުރަނީ އެކި ފިކުރުކަން ދިވެހި ރައްޔިތުން ދަންނަންޖެހޭ. މީގެ ތެރޭގައި، ޢަރަބި އިސްލާމީ ފިކުރުތަކާއި، ހުޅަނގުގެ މިނިވަން ފިކުރުތަކާއި، ދުނިޔޭގެ ބާރުވެރިކަމަށާއި ސަރަޙައްދީ ބާރުވެރިކަމަށް ބިނާވެގެން ޤާއިމުކޮށްފައިވާ އަދި ޤާއިމުކުރަމުންދާ ފިކުރުތައް ހުންނާނޭކަންވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ. ރާއްޖެއާ ކުރިމަތިކުރުވާ ނިންމުންތަކާއި ސިޔާސަތުތަކަކީ، އެ ނިންމުންތައް ނިންމާ ޤައުމަކަށް ނުވަތަ ބަޔަކަށް އެންމެ އެކަށޭނަ އަދި އެންމެ ބޭނުންތެރި ނިންމުންތަކަށް ވާނޭކަމާއި، މަދު ފަހަރަކުނޫނީ މިފަދަ ކަންކަމަކީ ހާމަޔަށް ފެންނަން ހުންނާނޭ ކަންކަން ނޫންކަމުގައިވެސް ދަންނަންޖެހޭނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވީ ޤައުމާއި ރައްޔިތުން ވަކިނުކުރެވޭނޭ ފަދައިން، މިނިވަންކަމާއި ދަޢުލަތަކީވެސް ވަކިނުކުރެވޭނެ އެއް މަފްހޫމްކަމަށެވެ. އަދި ޤައުމުގެ މިނިވަންކަމުގެ ވަރުގަދަކަން ބިނާވެފައި އޮންނަނީ ދަޢުލަތުގައި ހުރި ފެންވަރެއްގެ މައްޗަށްކަމަށާއި، ރާއްޖެއަށް މިއަދު ބޭރުގެ ފަރާތްތަކުން ނުރައްކަލެއް ދިމާވެފައިވާނަމަ، އެކަމަކުން ކުރާނޭ އަސަރެއްގެ މިންވަރު ބިނާވާނީ ދަޢުލަތުގެ މުއައްސަސާތަކުގައި ހުރި ބަލިކަށިކަމެއްގެ މައްޗަށްކަމަށެވެ.

2000ގެ އަހަރުތަކުގެ ކުރީކޮޅުއްސުރެ ރާއްޖެއަށް ޑިމޮކްރަސީ ގެނެއުމަށް ކުރެވުނު މަސައްކަތްތަކާއެކު ރާއްޖޭގެ ދާހިލީކަންކަމުގެ ތެރެއިން އުފަންވެގެންއައި ތަފާތު ކަންކަމުގެ މައްޗަށްވެސް ބައްލަވާލައްވާފައެވެ. މިގޮތުން ރާއްޖޭގައި ޒަމާންތަކެއް ވަންދެން އޮތް ވެރިކަން ބަދަލުކުރުމަށް 2008 ވަނަ އަހަރު ކުރި މަސައްކަތުގެ ތެރޭގައ ދިވެހި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

" 2000 އަހަރުތަކުގެ ކުރީކޮޅުއްސުރެ، ޤައުމުގައި އުފެއްދި ޚިޔާލުތަފާތުވުންތަކާއި، ބައިބައިކުރުވި ވިސްނުންތަކުގެ ތެރެއިން، ދައުލަތަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާކަން އަޅުގަނޑުމެންގެ ޚިޔާލަށް އާދޭ. ރާއްޖޭގައި ޤާއިމުވެފައި އޮތް ދުވަސްވީ ވެރިކަމެއް ބަދަލުކުރަން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ދީފައިވަނީ ދިވެހި ދައުލަތަށް. އަދި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ރައްކާތެރިކުރުމަށް ހުރި ދައުލަތުގެ މުއައްސަސާތަކަށް. ޚާއްޞަގޮތެއްގައި ޤައުމުގެ ސަލާމަތްކަން ޔަޤީންކުރުމުގެ ޤާނޫނީ ޒިންމާއާއި، ޤާނޫނު ތަންފީޛުކުރުމުގެ ޒިންމާއޮތް މުއައްސަސާތަކަށްވަނީ ވަރަށް ފާޅުގައި އަމާޒުކުރެވި ޙަމަލާ ދެވިފައި. މި މަސައްކަތްތަކުގެ ތެރެއިން ދިވެހި ދައުލަތްވަނީ ވަރަށް ބޮޑަށް ބަލިކަށިކޮށްފައި" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ދުނިޔޭގެ އެކި ބިތުގައި ޤާއިމުވެ، ސާބިތުވެފައިވާ ބޮޑެތި ކުންފުނިތަކާއި ވިޔަފާރީގެ ރޭހުގައި ވާދަކޮށް ފައި ހަމަކުރުމަކީ ޢިލްމާއި ޙިލްމު ބޭނުންކުރަންޖެހޭ ކަމެއްކަމަށާއި، ހުޅުވާލެވިފައިވާ އިޤްތިޞާދީ ވިސްނުންތަކާއި ސައިންސްގެ ހުނަރުގެ މަގަކީ އެމަގުން އެކަހެރިވެގެން ކުރިއަށް ނުދެވޭނެ މަގުތަކެއްކަމުގައި ޤަބޫލުކުރަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިހުރިހާ ކަމެއްގެ ތެރެއިންވެސް ޤައުމީ ވަންތަކަމާއި، މިނިވަންކަން އިސްކުރުމަށް ހުރިހާ ދިވެހި ފަރުދުން ސަމާލުވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.