ލައިފް ސްޓައިލް

ވޯރނާ ބްރޯސްއިން 1 ބިލިއަން ޑޮލަރުގެ ޕާކެއް އަބޫދާބީގައި ހުޅުވައިފި


އެއް ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ޔޫއޭއީގެ އަބޫދާބީގައި ބިނާކުރި "ވާނަރ ބްރޯސް – ވޯލްޑް އަބޫދާބީ" އެމިއުޒްމަންޓް ޕާކު ޢާއްމުންނަށް ހުޅުވާލައިފިއެވެ.
މަޝްހޫރު ކާޓޫންތައް އުފައްދާފައިވާ ވޯރނާ ބްރޯސްއާއި ޔޫއޭއީގެ މިރަލް އެސެޓް މެނޭޖްމަންޓް ގުޅިގެން ބިނާކުރި އެމިއުޒްމަންޓް ޕާކަކީ، ދުނިޔޭގައި ހުޅުވި ފުރަތަމަ ވޯރނާ ބްރޯސް ބްރޭންޑަޑް ޕާކެވެ.
އާއްމުން ވަނުމަށް ޕާކު މިއަދު ހުޅުވިނަމަވެސް، މިދިޔަ ހޯމަދުވަހު މިޕާކު ރަސްމީކޮށް ހުޅުވައިދެއްވީ އަބޫދާބީގެ ވަލީއަޙުދު ޝައިޚު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ދުބާޢީގެ އަމީރު ޝައިޙު މުހައްމަދު ބިން ރަޝީދު އަލް މަޚްތޫމެވެ.

ފަތުރުވެރިންގެ މަންޒިލެއްކަމަށްވާ އަބޫދާބީގެ ޔަސް އައިލެންޑުގެ 1.65 މިލިއަން އަކަފޫޓުގެ ސަރަޙައްދެއްގައި ބިނާކޮށްފައިވާ މިޕާކަކީ ދުނިޔޭގައިވާ މިފަދަ އެންމެ ބޮޑު ޕާކުތަކުގެ ތެރެއިން ޕާކެކެވެ.
އެމިއުޒްމަންޓް ޕާކު 6 ސަރަޙައްދަކަށް ބަހާލާފައިވާއިރު، ކޮންމެ ސަރަޙައްދެއް ސިފަކޮށްދޭނީ ކުޑަކުދިންގެ މެދުގައި މަޝްހޫރު ކާޓޫންތަކުން ފެންނަ ތަންތަނެވެ. މިގޮތުން ބެޓްމޭން އުޅޭ ގޮތަމް ސިޓީއާއި ސުޕަރމޭން އުޅޭ މެޓްރޯޕޮލިސް ސަރަޙައްދާއި ބަގްސް ބަނީ، ސްކޫބީޑޫ، ފްލިންސްޓޯނު އަދި ޓޮމް އެންޑް ޖެރީ ކާޓޫން ފެންނަ ތަންތަން މިޕާކުގައި ހިމެނެއެވެ.

ކާޓޫންތަކުގެ ފެންނަ ސަރަޙައްދުތަކުގެ އިތުރުން ރޯލާކޯސްޓާވެސް ފަރުމާކޮށްފައިވަނީ ކާޓޫންތަކުން ފެންނަ ވެހިކަލްތައް ސިފަވާގޮތަށެވެ. މިގޮތުން ބެޓްމޭން ގެންގުޅޭ ބެޓްވިންގ ވެހިކަލްގައި ދުއްވާލުމުގެ ފުރުޞަތު މިޕާކުން ލިބެއެވެ. މީގެ އިތުރުން ވިޔަފާރިކުރާ ތަންތަނާއި ރެސްޓޯރަންޓްތައްވެސް މިޕާކުގައި ހުރެއެވެ

އަބޫދާބީގެ ކަމާބެހޭ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ޕާކުގެ ސަބަބުން ޔަސް އައިލެންޑަށް ޒިޔާރަތްކުރާ މީހުންގެ އަދަދު 25 މިލިއަނުން 30 މިލިއަނަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ޕާކުގެ ސަބަބުން 1000 އަށްވުރެ ގިނަ ވާޒީފާ އުފެދިގެންދާނެއެވެ.
"ވޯރނާ ބްރޯސް – ވޯލްޑް އަބޫދާބީ" ޕާކުގެ އިތުރުންވެސް މަޝްހޫރު ބްރޭންޑްތަކުގެ އެމިއުޒްމަންޓް ޕާކްތައް ޔޫއޭއީގައި ވަނީ ބިނާކޮށްފައެވެ. އޭގެ ތެރޭގައި ލެގޯލޭންޑާއި މޯޝަންގޭޓް ދުބާއީ އަދި ފެރާރީ ވޯލްޑް އަބޫދާބީ ހިމެނެއެވެ.