ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފުރިހަމަކުރެވޭނެ ރިސޯޓުތަކާއި، ސިނާޢީ މަސައްކަތް ކުރާ ތަންތަނުން، މާދަމާގެ ނިޔަލަށް އެކަން ލިޔުމުން އަންގައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ 250 ދިވެހި މުޢައްޒަފުން މަސައްކަތް ކުރާ ރިޒޯޓުތަކުގައި އެކަންޏެވެ. އެގޮތުން 7 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ކުރިން އެކޮމިޝަނުން ނިންމި ނަމަވެސް ރިސޯޓްތަކުގެ މުޢައްޒަފުންނާއި، ސިޔާސީ ޕާޓީތަކުގެ އެދުމުގެ މަތިން، 100 އަށްވުރެ ގިނައިން ދިވެހިން މަސައްކަތްކުރާ ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އެކޮމިޝަނުން ފަހުން ވަނީ ނިންމާފައެވެ.
ރާއްޖޭގައި އޮޕަރޭޓް ކުރާ ރިސޯޓުތަކުގެ ތެރެއިން 77 ރިސޯޓެއްގައި މި ޢަދަދު ހަމަވާއިރު، ޓުއަރިޒަމް މިނިސްޓްރީއާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން، އެ 77 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް ވޯޓުލުމުގެ އިދާރީކަންކަން ފަހިކޮށްދޭނެކަމަށް ބުނެ، ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމުގެ ހުއްދަ މިހާތަނަށް ދީފައިވަނީ 36 ރިސޯޓަކުންނެވެ. އަދި ބައެއް ރިސޯޓްތަކުން އެ ރިސޯޓުތަކުގައި ފޮށި ބެހެއްޓުމާއި ދެކޮޅު ހަދާފައިވަނީ، ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އުދަނގޫކަމެއް ކުރިމަތިވެދާނެތީއާއި، ކައިރި ބައެއް ރަށްތަކުގައި މުވައްޒަފުންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖެހިފައިވާތީކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައެވެ.
މިކަމާގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފަހުންކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ރިސޯޓުތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން، އެތަންތާނގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 100 ދިވެހި މުވައްޒަފުން ހަމަވެ، ވޯޓުފޮށްޓެއް ބެހެއްޓުމަށް ކޮމިޝަނުން ބޭނުންވާ އިދާރީ އެހީތެރިކަން ފުރިހަމަކުރެވޭނެ ރިސޯޓުތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަނުން މާދަމާ މެންދުރު 14:00ގެ ކުރިން އެ ކޮމިޝަނަށް ލިޔުމަކުން އެންގުމަށެވެ.
ވޯޓު ފޮށި ނުބަހައްޓާ ރިސޯޓްތަކުގެ މުއްޒަފުންނަށް ވޯޓްލެވޭނީ، ކައިރި ރަށްތަކަށް ނުވަތަ ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަނުން ކަނޑައަޅާފައިވާ ސްޓޭޝަނެއްގައި ރަޖިސްޓްރީކުރުމުންނެވެ. ރިޔާސީ އިންތިޚާބުގައި ވޯޓް ފޮށި ބަހައްޓާ ރިސޯޓްތަކުގެ ޢަދަދު 7 ރިސޯޓުން 36 ރިސޯޓަށް އިތުރުކުރުމާއިއެކު، މިހާރު ވޯޓްފޮށީގެ ޖުމްލަ ޢަދަދަކީ 483އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މި ހުޅުވާލި ފުރުޞަތާއެކު ވޯޓު ފޮށި ބަހައްޓާ ރިސޯޓުތަކާއި، ވޯޓު ފޮށީގެ ޢަދަދުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ.