ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން އުޅުއްވުމުން އެކަން ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެދިވަޑައިގެންނެވިކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ހއ ބާރަށުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ 2012ވަނަ އަަރުފެ ފެބްރުއަރީ މަހުގެ 7 ވަނަދުވަހުގެ ކުރިން ހިގައިދިޔަ ބައެއްކަންކަން ހާމަކުރައްވާފައެވެ.
ރައީސް ޔާމީން އުތުރުގެ ދެ އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެން ހއ. ބާރަށުގައި ވާހަކަދައްކަވަމުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ 2012 ވަނަ އަަރުގެ ފެބްރުއަރީ މަހުގެ 6 ވަނަދުވަހު ރައީސް ޔާމީން ހުންނެވީ ރާއްޖެއިން ބޭރުގައިކަމަށާއި ރާއްޖޭގެ ޙާލާތު ވަރަށް ގޯސްކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން އެމަނިކުފާނަށް ގުޅާ ރާއްޖެ ވަޑައިނުގަތުމަށް އެދިވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ނިންމެވުމަކީ އެފަދަ ދަނޑިވަޅެއްގައި ރާއްޖޭގައި ހުރެ ދިވެހި ރައްޔިތުންނާއި ބައިވެރިވެޑައިގަތުކަމަށާއި އެހެންކަމުން އެރޭ އެނބުރި ރާއްޖެ ވަޑައިގެންނެވިކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ހަތްވަނަދުވަހު ހެދުނު ނަޝީދު ރައީސް ޔާމީނަށް ގުޅުއްވިކަމަށާއި އޭރު ރައީސް ޔާމީން އިންނެވީ ރާއްޖޭގައި އޭރު ހުންނެވި އިންޑިއާ ސަފީރުގެ އެދުމުގެ މަތިން އެމްބަސީއަށް ވަޑައިގެންކަމަށެވެ. ރައީސް ޔާމީނަށް ގުޅުއްވާ ނަޝީދު އިސްތިޢުފާދެއްވަން ނިންމެވިކަމަށް ވިދާޅުވިކަމަށާއި، އެހެންނަމަވެސް އިސްތިޢުފާ ނުދެއްވުމަށާއި ރައްޔިތުން އިންތިޚާބު ކުރީ ފަސްއަހަރުގެ ދައުރަކަށްކަމުން އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސް ޔާމީން ނަޝީދުގެ އަރިހުން އެދިވަޑައިގެންނެވިކަމަށްވެސް އަބްދުއްރަހީމު ވިދާޅުވިއެވެ. އަދި އޭރު ދިމާވެގެން އުޅުނު ކަންކަން އެހެން ގޮތަކަށް ޙައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ވާހަކަވެސް ނަޝީދު އަރިހު ޔާމީން ވިދާޅުވިކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ނަޝީދު އިސްތިޢުފާދެއްވީ މުޒާހަރާކޮށްގެން ނޫންކަމަށާއި އިސްތިޢުފާދެއްވީ ވެރިކަން ކުރައްވަން ނޭގިގެންކަމަށެވެ. އަދި އޭރު ދިވެހި ޤައުމު އޮތީ ބަނޑަށް ޖެހި މުވައްޒަފުންނަށް މުސާރަ ދެވޭނެގޮތެއް ނެތިފައިކަމަށާއި ނަޝީދު ހުންނެވީ ވެރިކަމުން އިސްތިޢުފާ ދޭނެ ފުރުޞަތެއް ލިބޭތޯ ބަލަބަލާކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ފެބްރުއަރީ މަހުގެ ހަތްވަނަދުވަހު މުޒަހަރާކޮށްގެން ނަޝީދު އިސްތިޢުފާދެއްވިއިރު މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހަކީ މާ ނުރައްކާތެރި ދުވަހެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންނަމަވެސް އެދުވަހުވެސް ރައީސް ޔާމީން ސާބިތުކަމާއި އެކީ ހުންނަވާ ދިވެހިންނަށް ކުރިމަތިވި ނުރައްކާތެރިކަމުން ޤައުމު ސަލާމަތްކޮށްދެއްވިކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވި ގޮތުގެ މައްޗަށް އަލި އަޅުއްވާލާ ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅަކީ ތެދުފުޅެއް ކަމަށް ރައީސް ޔާމީން ވަނީ އިޢޫތިރާފުވެ ވަޑައިގަންނަވާފައެވެ. އެގޮތުން ޢަބުދުއްރަޙީމުގެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ނުދެއްވުމަށް އެދި ވަޑައިގެންނެވި ކަމަށާއި، ރައްޔިތުންނާ ކުރިމަތިލައްވާ އެފަރާތްތައް ހަމަ މަގަމަށް އެޅުވުމަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވި ކަމަށެވެ. އަދި ހުރިހާ ކަމެއްގެ ޒިންމާ ފުރަހަމައަށް ނެންގެވުމަށް އެދި ވަޑައިގެންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ޣާޒީ ޢަބުދުﷲ މުޙައްމަދު ހައްޔަރު ކުރުމާއި ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވާ ބޭފުޅެކެވެ. އެހެން ނަމަވެސް ކުޑަ ދުވަސްކޮޅަކު ޖަލުގައި ހޭދަ ކުރެއްވުމަށްފަހު ބޭސް ފަރުވާއަކަށް ކަމަށް ވިދާޅުވެ އިގިރޭސި ވިލާތައް ވަޑައިގެން އެމަނިކުފާނު މިހާރު ދިރިއުޅެމުން އަންނަނީ އިގރޭސި ވިލާތުގައެވެ.