ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސީޓީ، އައި.ޔޫ.އެމްގެ ތަރައްޤީއަށްހުރި ފުރުޞަތުތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ރިފާޙު އިންޓަރނޭޝަނަލް ޔުނިވަރސިޓީއާއެކު މަޝްވަރާކޮށްފިއެވެ.
ރިފާޙް އިންޓަރނޭޝަނަލް ޔުނިވަރސިޓީއާއެކު އައި.ޔޫ.އެމްއިން ބޭއްވި މަޝްވަރާތަކުގައި އެ ޔުނިވަރސިޓީގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވީ ވައިސް ޗާންސެލަރ އައިޝަތު ޚަލީލާ ޢަބްދުލްޞައްތާރެވެ. އަދި ރިފާޙް އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޔުނިވަރސިޓީގެ ފައުންޑަރ ވައިސް ޗާންސެލަރ ޑރ. އާނިސް އަޙްމަދެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އައި.ޔޫ.އެމްގެ ތަރައްޤިއަށްޓަކާ އެތަނުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ތަޢުލީމީ ހަރަކާތްތައް ރާވާ ބައްޓަންކުރާނެ ގޮތްތަކާއި ގުޅޭގޮތުން ހިމެނެއެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތަކާއި، އާދަކާދަތައް ދަރިވަރުންގެ ހިތްތަކުގައި ދިރުވާ އަލާކުރުމަށްޓަކާއި ކޯ-މޮޑިއުލެއްގެ ގޮތުގައި ބޭނުންވާނެ ތަފާތު މާއްދާތައް ތައްޔާރުކުރުމުގައި ރިފާޙް ޔުނިވަރސިޓީގެ ފަރާތުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާއި ގުޅޭގޮތުންވެސް ދެ ފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، އެކި އެކި ދާއިރާތަކުން ބޭނުންވާނެ ތަފާތު ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތައް ކުރުމުގައި ދަރިވަރުންގެ ޤާބިލިއްޔަތުކަން އިތުރުކޮށް، ފެންވަރު ރަނގަޅު ޢިލްމީ ދިރާސާތައް ކުރުމުގެ މަސައްކަތް ދެ ފަރާތުން ގުޅިގެން ކުރިއަށް ދިއުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް އައި.ޔޫ.އެމުން ބުނެއެވެ.
ރިފާޙް އިންޓަރނޭޝަނަލް ޔުނިވަރސިޓީއަކީ ދީނީ، ސިއްޚީ، އަދި މީގެއިތުރުން ސައިންސްއާއި އެންމެފަހުގެ ޓެކްނޮލޮޖީތަކާ ގުޅުންހުރި ތަފާތު އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޙާއްސަކޮށްގެން 2002 ވަނަ އަހަރު ޕާކިސްތާނުގައި ޤާއިމުކޮށްފައިވާ ބައިނަލްއަޤްވާމީ ޔުނިވަރސިޓީއެކެވެ. އެގޮތުން މިހާތަނަށް އައިއިރު ޕާކިސްތާނުގެ އެކި އަވަށްތަކުގެ އިތުރުން ޕާކިސްތާނުން ބޭރުގައި އެ ޔުނިވަރސިޓީގެ 8 އަށްވުރެ ގިނަ ކެމްޕަސްތަކުގައި އެތައް ސަތޭކަ ދަރިވަރުންނަށް އަންނަނީ އެކި ފަންތީގެ ކޯސްތަކާއި ޕްރޮގްރާމްތައް ފުރިހަމަ ކުރަމުންނެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސީޓީން އަންނަނީ އެ ޔުނިވަރސިޓީން ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ ފެންވަރު މަތިކޮށް، އެތަނުގައި ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންނަށް ތަފާތު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކާ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިސްލާމީ ޔުނިވަރސިޓީތަކާއެކު ގުޅުން ބަދަހިކުރަމުންނެވެ.