ސްޕޭނުގެ ގައުމީ ކޯޗުކަމުން ފެނާންޑޯ ހިއޭރޯ ވަކިވެއްޖެ އެވެ. އޭނާ މަގާމުން ވަކިވީ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ސްޕޭން ކެޓިތާ ހަފުތާއެއް ފަހުންނެވެ.
ކުރީގެ ގައުމީ ކެޕްޓަން ހިއޭރޯ މަގާމުން އިސްތިއުފާދިން އިރު އޭނާ ކޯޗުކަމާ ހަވާލުވީ ވެސް ވޯލްޑް ކަޕް ފެށެން އެންމެ ދެ ދުވަހަށްވެފައިވަނިކޮށެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުރި ކޯޗު ހުއާން ލެޕޮޓެގުއި ވޯލްޑް ކަޕަށް ފަހު ސްޕޭނުގެ ރެއާލް މެޑްރިޑާ ގުޅެން ނިންމުމުންނެވެ.
ހިއޭރޯ އަށް ފަހު ސްޕޭނުގެ ގައުމީ ކޯޗުކަމަށް ގެނައުން އެކަށީގެންވާ ތިން ކޯޗަކު ސްޕޭނުގެ ފެޑަރޭޝަނުން ފާހަގަކޮށްފައިވާ ކަމަށްވެއެވެ. އެއީ ނިއުކާސަލްގެ ކޯޗު ރަފާ ބެނީޓޭޒް އާއި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އާއި ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒްއެވެ.
މީގެ ތެރެއިން ބެލްޖިއަމް ގޮވައިގެން ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ކޯޗު މާޓިނޭޒް ވަނީ ސްޕޭނުގެ ކޯޗަކަށް އޭނާ ނޮމިނޭޓްކުރި ނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބޭ ކަމަށާއި އަދި އެކަމާ ނުވިސްނާ ކަމަށް ވެސް ބުނެފަ އެވެ.