ރާއްޖޭގައި މުޅިން އަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮފެޝަނަލް ކެރިއަރ ވިމަން އެވޯޑްސް 2018 ގެ އޮފިޝައަލް ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ. ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖަރ ސޭލްސް އައިޝަތު އާސިފާއާއި، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒްއެވެ.
މި އެއްބަސްވުމުގެ ދަށުން ޕްރޮފެޝަނަލް ކެރިއަރ ވިމަން އެވޯޑްސް 2018 ގެ ޚަބަރުތައް ގެނެސްދިނުމާއި މި އެވޯޑް ޕްރޮމޯޓްކުރުމުގައި ޕީއެސްއެމްގެ ޗެނަލްތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒް ވިދާޅުވީ، މިއީ ރާއްޖޭގައި މުޅިން އަލަށް ދޭންއުޅޭ އެވޯޑަކަށްވާއިރު، އެވޯޑް ދިނުމުގެ ބޭނުމަކީ އަންހެނުން ބާރުވެރިކުރުވުންކަމަށެވެ. އަދި ރާއްޖެއިން މި އެވޯޑް ޙަސިލްކުރާ ފަރާތްތަކަށް އޮގަސްޓް މަހުގެ ތެރޭގައި ލަންކާގައި އޮންނަ "ޓޮޕް 50 ޕްރޮފެޝަނަލް ވިމެން އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.
"މި އެވޯޑް މިއަހަރު އަޅުގަނޑުމެން ރާއްޖޭގަ މިބާއްވަނީ ވިމްގެ ފަރާތުން ބިކޯޒް މިވެން އިން މެނޭޖްމަންޓަކީ ސްރީލަންކާގެ ޗެޕްޓާއެއް. ދެން މި ޗެޕްޓަރގަ ލަންކާގަ އޮންނާނެ ޓޮޕް 50 ޕްރޮފެޝަނަލް ވިމެން އެވޯޑްސް ކިޔާ އެވޯޑެއް. ޕާސްޓް 7 އިޔާސް ލަންކާގަ ބާއްވަމުން އަންނަ އެވޯޑެއް. ރާއްޖޭގެ ފަރާތުން އަންހެން ބޭފުޅުން ނޮމިނޭޓް ކުރުމުގެ މަޤްސަދުގަ އަޅުގަނޑުމެން މި ބާއްވަނީ މި އެވޯޑް. ދެން ރާއްޖޭގަ އެވޯޑް ބާއްވާފަ އެވޯޑްލިބޭ ފަރާތްތައް އަޅުގަނޑުމެން އިންޓަނޭޝަނަލް އެވޯޑަށް ނޮމިނޭޓް ކުރާނެ." މިންހާ ފާއިޒް ވިދާޅުވިއެވެ.
ޕްރޮފެޝަނަލް ކެރިއަރ ވިމަން އެވޯޑްސް ދިނުމަށް ހަމަޖެހިފައިވަނީ 3 ކެޓަގަރީއަކުން މުޅި ޖުމްލަ 15 އެވޯޑެވެ. އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ބަންދުވެފައިވާއިރު އެވޯޑަށް ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ އެވޯޑުދޭނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތްކަމަށް ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އިން މަޢުލޫމާތުދެއެވެ. އެވޯޑު ހަފްލާ އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު ހޮޓެލްޖެންގައެވެ.