ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ތައްޔާރީ ކޮންކްރީޓް ކާރުހާނާ އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވައިފި


އެސްޓީއޯއިން ތައްޔާރީ ކޮންކްރީޓް ކާރުހާނާއެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. މިއީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ރެޑީމިކްސް ނުވަތަ ތައްޔާރީ ކޮންކްރިޓް ކާރުހާނާކަމަށް އެސްޓީއޯއިން ބުނެއެވެ.

"ޕަވާ މިކްސް"ގެ ނަމުގައި ހެދި ކޮންކްރީޓް ތައްޔާރުކުރާ ރެޑީ މިކްސް ކާރުހާނާ ރަސްމީކޮށް ހުޅުވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒުއާއި އެސްޓީއޯގެ ސީއީއޯ އަޙްމަދު ޝަހީރުއެވެ.

"ޕަވާ މިކްސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ސީއީއޯ އަޙްމަދު ޝަހީރު ވިދާޅުވީ، އެކުންފުނިން ހުޅުމާލޭގައި ޕަވަރމިކްސް ކާރުހާނާއެއް ޤާއިމްކުރީ ޑިމާންޑްބޮޑުވެ މާލޭގައި މިހާރުހުރި ކާރުހާނާއަށް ކޭޓަރ ނުކުރެވިގެންކަމަށެވެ. އަދި ހުޅުމާލޭ ކާރުހާނާ ހުޅުވުމުގެ ކުރިންވެސް އެތަނަށް ގިނަ އޯޑަރުތައް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިރޭ އިރާދަކުރެއްވިއްޔާ މިހުޅުވޭ ޕަވަރމިކްސް ޕްލާންޓަކީ ރާއްޖޭގައި މިވަގުތު ހުޅުވޭ އެންމެ ކެޕޭސިޓީ އެންމެ ބޮޑު އަދި ސަޕްލައި ކުރުމުގައިވެސް އަޅުގަނޑުމެންގެ އެންމެ ކެޕޭސިޓީ ރަނގަޅު، އެންމެ ބޮޑެތި ބައުޒަރު ތަކެއް ބޭނުންކުރެވޭ އެއް ކުންފުންޏަކަށްވާނެ. މިހާރުވެސް އަޅުގަނޑުމެންނަށް މިވަނީ ކޭޓަރ ނުކުރެވޭވަރަށް އޯޑަރުތައް ލިބިފައި" އަޙްމަދު ޝަހީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކޮންސްޓްރަކްޝަން ދާއިރާއަކީ މިހާރު ވަރަށް ހަލުވިކަމާއިއެކު ކުރިއަރަމުން އަންނަ ދާއިރާއެއްކަމަށާއި، ހުޅުމާލޭގައި އެސްޓީއޯއިން މިހުޅުވި ޕަވަރމިކްސް ކާރުހާނާގެ ސަބަބުން މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފަދަ ކާރުހާނާތައް އަވަސް މުސްތަޤްބަލެއްގައި ހުޅުވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ސަރުކާރު ވެރިކަމަށް އައިއިރު ކޮންސްޓްރަކްޝަން ދާއިރާ އޮތީ ވަރަށް ބޮޑަށް އަޑިއަޅާލާފަ. ވަރަށްވެސް ބޮޑަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްއޮތީ ހިނގައިނުގަންނަ ވަރަށް އަޑިއަޅާލާފަ. އެހެން އޮއްވައި ރައީސް ޔާމީންގެ ސިޔާސަތުގެ ތެރޭގައި ހިމަނުއްވައިގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީނަގާ ކޮޅަށް ޖެއްސުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ރެސްކިއު ޕެކޭޖެއްގެގޮތުގައި ތައާރަފްކުރައްވައިގެން ކުރިއަށްގެންދިޔަ." ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭ އޮނުގަސް މަގުގައި ހުންނަ މި ޕްލާންޓުން ގަޑިއަކު 60 ސީބީއެމްގެ ކޮންކްރީޓް އުފެއްދެއެވެ. އަދި ކޮންކްރީޓް އުފުލަން ހަތް ސީބީއެމްގެ ހަތަރު ވެހިކަލާއެކު ޒަމާނީ މެޝިނަރީއާއި އިކުއިޕްމަންޓްވެސް އެސައިޓްގައި ވަނީ ގާއިމްކޮށްފަ އެވެ. އެސްޓީއޯ އިން ބުނީ ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމުގެ ގޮތުން ކޮންކްރީޓްގެ ކޮލިޓީ ހިފަހައްޓަން ބޭނުންވާ ސްލަންޕް އަދި ކިޔުބް ޓެސްޓިންގް ފަދަ ކަންތައްތައް ކުރެވޭނެ ލެބޯޓްރީއަކާއި އިންޖިނިއަރެއްވެސް ސައިޓްގައި ހުންނާނެ ކަމަށެވެ.

އެސްޓީއޯއިން އެންމެ ފުރަތަމަ ރެޑީމިކްސް ސިމެންތި ޕްލާންޓެއް ހުޅުވީ 2015 ވަނަ އަހަރު މާލޭގައެވެ.