މެޗުގެ އިތުރު ވަގުތުގައި މާޒިޔާއިން އީގަލްސް އަތުން ޕޮއިންޓެއް ހޯދައިފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު އީގަލްސް އަދި މާޒިޔާ ވާދަކުރި މެޗު އެއްވަރުވީ ދޭއް ދޭއްގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ އީގަލްސްއިންނެވެ. މިގޮތުން އަހުމަދު ރިޒުވާން އަދި ލުއިސް އެޑުއާޑޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މާޒިޔާގެ އުއްމީދީ ކީޕަރު ހުސެއިން ޝަރީފެވެ.
މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ މާޒިޔާއިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ސްޓެވާޓް ކޯނެލިއަސްއެވެ. ދެވަނަ ހާފުގައި އީގަލްސްއިންވަނީ ދެ ގޯލްޖަހައި މެޗުގެ ލީޑް ނަގާފައެވެ. ފުރަތަމަ ލަނޑު ޖަހައިދިނީ ޑެނިއެލް ލުއިސް ޑިކްސަނެވެ. ދެވަނަ ގޯލް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ލުއިސް އެޑުއާޑޯއެވެ. މާޒިޔާއިން މެޗުން ޕޮއިންޓެއް ހޯދީ މެޗުގެ އިތުރު ވަގުތުގައި އިސްމާއިލް އީސަ ޖަހައިދިން ގޯލުންނެވެ.
މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހްފޫޒް (އިއްމަ) ބުނީ މެޗުން ޕޮއިންޓެއް ލިބުމަކީ ހިތްހަމަޖެހުމެއްކަމަށާއި، އީގަލްސް ކަހަލަ ވަރުގަދަ ޓީމެއް އަތުން ޕޮއިންޓެއް ލިބުމަކީ މައްސަލައެއް ނޫންކަމަށެވެ. މާލޭ ލީގުގައި ޓީމަށް ދިމާވި މައިގަނޑު މައްސަލައަކީ އިތުރު ވަގުތުގައި ބައިކޮޅަށް ވަންނަ ލަނޑުތައްކަމަށާއި، މި މެޗުގެ އިތުރު ވަގުތުގައި މާޒިޔާއިން ގޯލެއް ޖެހުމަކީ ހިތްހަމަޖެހުމެއްކަމަށް އިންމަ ބުންޏެވެ.
"ހިތްހަމަޖެހޭ ކުޅުންތެރިން ދެއްކި ކުޅުމަށް، ފަހު މިނެޓުގައި ކުރިން އަހަރުމެން ބައިކޮޅަށް ގޯލު ވަންނަނީ، މިއަދު ގޯލެއް ޖެހުނީ. އެހެންވީމަ ޕޮއިންޓަކުން ހިތްހަމަޖެހޭ" އިންމަ ބުންޏެވެ
މެޗަށްފަހު ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ ޕްރިމިއަރ ލީގަށް ތައްޔާރުވެވުނު މިންވަރަށް ބަލާއިރު މެޗުން ޕޮއިންޓެއް ހިތްހަމަޖެހޭކަމަށެވެ. އެންމެ އެކަށީގެންވާ ވަރަށް ޓީމަށް އެކުގައި ޕްރެކްޓިސް ނުކުރެވޭކަމަށާއި، އެހެންކަމުން މެޗުގެ ފަހު ކޮޅު ޓީމަށް ފިޓްނަސްގެ މައްސަލަ ދިމާވިކަމަށް މޯހަން ބުންޏެވެ.
"އެކުގައި ޕްރެކްޓިސް ނުކުރެވޭ، އެހެންވެ ޓީމަށް ފަހުކޮޅު މައްސަލަ ދިމާވި. ފިޓްނަސް އެހާ ރަނގަޅެއް ނޫން. ފަހު ވަގުތު ކޮންސެންޓްރޭޝަން ދަށްވެގެން ފަހު ވަގުތު ގޯލްވަނީ" މޯހަން ބުންޏެވެ.