ފުލުހުންނަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތައް މަދުކޮށް ވަގަށް ނަގާފައި ހުންނަ ތަކެތި ހޯދުމަށް ފުލުހުންހިންގަވާ ޚާއްޞަ އޮޕަރޭޝަންގެ ދަށުން މިރޯދަމަހު ވައްކަން މަދުވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ.
ފުލުހުން ފަށްޓަވާފައިވާ މިއޮޕަރޭޝަންގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެވިދާނެ ގޮތްތަކާ ބެހޭގޮތުން، ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މައުލޫމާތު ހިމެނޭ ޕޯސްޓަރާ ސްޓިކާ ފަދަތަކެތި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަޙައްދުތަކުގައި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ އެންމެ ފަހު ހަފުތާއާ ހަމައަށް ހުށަހެޅިފައިވާ ވައްކަމާ ފޭރުމުގެ މައްސަލަތައް ފާއިތުވި އަހަރާ އަޅާބަލާއިރު، ވަރަށް ބޮޑުތަން މަދުވެފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.
ވައްކާމާއި ފޭރުމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިއަހަރު ފެށުމާއި އެކު މިފަދަ މައްސަލަތައް މަދުކުރުމަށް ޙާއްސަ އޮޕަރޭޝަނެއް ފަށައި، ރަމަޟާން މަސްތެރޭގައި މި މަސައްކަތް ފުލުހުން ވަނީ ފުޅާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ރަމަޟާން މަސްތެރޭގައި ފުލުހުންނަށް ހުށަހެޅުނު ވައްކަމާއި ފޭރުމުގެ މައްސަލަތައް އެހެން އަހަރުތަކާއި އަޅާބަލާއިރުނިސްބަތުން މަދުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ފެނިގެންދެއެވެ.
ވައްކަމާއި ފޭރުން ހުއްޓުވުމަށް ފުލުހުން ކުރިއަށް ގެންދާ ޙާއްސަ އޮޕަރޭޝަނާއި ގުޅޭގޮތުން، އެމް.ބީ.ސީގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު ވަނީ ވައްކަމެއް ނުވަތަ ފޭރުން ފަދަ ކަމެއް ހިނގައިފިނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކޮށް، މިފަދަ ކަންކަން މަދުކުރުމަށް ފަރުދީ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރައްވާ މަސައްކަތުގެ ތަފްސީލް ދެއްވާފައެވެ.
ރާއްޖޭގައި ހާއްސަކޮށް މާލޭގައި އާންމުން ދިރިއުޅުމަށް ހާދާފައިހުންނަ ތަންތަން އިމާރާތް ކުރެވިފައި ހުންނަ ގޮތުން، ވައްކަމާއި ފޭރުން ފަދަ ކަންކަމަށް ފުރުސަތު ބޮޑުކަން ފާހަގަކުރައްވާ ފަތުޙުﷲ ވަނީ ވައްކަމެއް ހިނގާ ހިސާބުން ނުވަތަ އެފަދަ ކަމެއް ބަޔަކުކޮށްފައިވާކަން ޝައްކުކުރެވޭ ހިސާބުން ފެށިގެން އެކަން އަމިއްލައަށް ތަޙުޤީޤު ކުރުމުގެ ބަދަލުގައި ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރަން އެދިވަޑައިގެންފައެވެ.
ފުލުހުންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ ތިން ހާހަށްވެރު ގިނަ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރުތަކާއި އަޅާބަލާއިރު ނިސްބަތުން މަދު އަދަދެއްކަމަށް ފަތުޙުﷲ ވަޙީދު ވިދާޅުވިއެވެ. ހާއްސަކޮށް މި ރަމަޟާން މަހުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ ގޮތުގައި ހުށަހެޅިފައިވަނީ ނިސްބަތުން ކުދިކުދި މައްސަލަތައް ކަމަށާއި، މިފަދަ މައްސަލަތަކުގައި ގެއްލިގެން ރިޕޯޓްކުރާ ތަކެތި ކާމިޔާބުކަމާއިއެކުހޯދައި، އޭގެ ވެރިފަރާތައް އަނބުރާ ރައްދުކޮށްދިނުމުގައި ފުލުހުންނަށް ކުރިއެރުންތަކެއް ލިބިފައިވާކަން ފަތުޙުﷲ ފާހަގަކުރެއްވިއެވެ.