އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ސުޕްރީމްކޯޓްގެ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
މިރޭ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރަކަށް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ޢައްޔަން ކުރައްވާފައިވަނީ ޖަލްސާގައި ބައިވެރިވި 36 މެންބަރުންގެ އިއްތިފާގުންނެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ ނަންފުޅު ރައްޔިތުން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ މިއަދުއެވެ. އެމަނިކުފާނު މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މުޙައްމަދަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރުކަމަށް ޑރ އަހުމަދު އަބްދުﷲ ދީދީ އައްޔަންކުރެއްވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން އިން އެމަނުކުފާނަށް ލަފާދެއްވާފައިވާތީ އެކަމާއި މެދު މަޖީލީހުން ގޮތެއް ނިންމަވާދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
މަޖިލީހުގެ ރިޔާސަތުން ޑރ. ދީދީގެ ނަންފުޅުން މިނިވަން މުޢައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުއްވުމުން އެ ކޮމެޓީން ވަނީ އެމަނިކުފަނުގެ ނަންފުޅު ދިރާސާކުރައްވާ ގޮތެއް ނިންމަވާފައެވެ. އެގޮތުން ކޮމެޓީ ރިޕޯޓު ހުށަހަޅުއްވަމުން ކޮމެޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ސުޕްރީމްކޯޓްގެ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ޢައްޔަނު ކުރަން ފެނިވަޑައިގަންނަވާ ކަމަށް ކޮމެޓީން ނިންމެވީ 11 މެންބަރުންގެ އިއްތިފާޤުން ކަމަށެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޑރ. ދީދީއަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި އެމްޑީއޭގެ ފުރިހަމަ އިތުބާރާއި ތާޢީދު ލިބިގެންދާނެ ކަމަށެވެ. އަދި އުއްމީދަކީ ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ފައްޓަވާފައިވާ މަސައްކަތްޕުޅުގައި އެމަނިކުފާނަށް އެއްބާރުލުންދީ ޝަރުޢީ ދާއިރާގައި ހުރި މައްސަލަތަކަށް ޙައްލު ހޯދައި ދެއްވުން ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ އަދި އެތަނުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތަކަކީ ދިވެހި ރައްޔިތުން އިތުބާރު ކުރާނެ ފަދަ ނިންމުންތަކަކަށްވުން. އަދި ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާ ވެގެން ދިއުމަކީވެސް އަޅުގަނޑުމެން ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ ޒަޢާމަތުގައި ކުރާ އުއްމީދެއް. އަޅުގަނޑުމެން ޕާޓީއާ އަޅުގަނޑުމެންގެ ކޯލިޝަން ޕާރޓްނަރުންގެ ފުރިހަމަ ތާޢީދާއި އިތުބާރު އެމަނިކުފާނަށް އޮތް ވާހަކަ ދަންނަވަން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީއަކީ ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ރޮނގުން ޕީ.އެޗް.ޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އެމަނިކުފާނު ހުންނެވީ 10 އޮގަސްޓް 2010 އިން ފެށިގެން ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ ގޮތުގައެވެ.
ސުޕްރީމްކޯޓްގެ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވަނީ އިއްޔެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޒް އަބްދުލްޣަނީ މުޙައްމަދު އައްޔަން ކުރެއްވުމަށްވެސް ޖޭއެސްސީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައެވެ.