ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާ މާރާމާރީ ހިންގާނެކަމުގެ އިންޒާރު ޖުމްހޫރީ ޕާޓީގެ މެމްބަރެއްކަމަށް ބެލެވޭ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ހަމަލާދީ މާރާމާރީ ހިންގާނެކަމުގެ އިންޒާރު ދީފައިވަނީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްކަމަށް ބެލެވޭ މުޙައްމަދު އަދުހަމްގެ ނަމުގައި ހަދާފައިވާ ޖުމްހޫރީ ޕާޓީގެ ލޯގޯޖެހި ޓުވިޓަރ އެކައުންޓަކުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެމްޕެއިން ޓީމުން ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތަށް ފާޑުކިޔައި އޭނާ ކޮށްފައިވާ ޓްވީޓުގައި ވަނީ، ޖިނާއީ ކުށެއް ސާބިތުވެ ޖަލުޙުކުމެއް ތަންފީޛު ކުރަމުންދާ ފަރާތްތަކެއް ދޫކޮށް ނުލައިފިނަމަ ރައީސް ޢަބްދުﷲ ޔާމީނާ މާރާމާރީ ހިންގާނެކަމުގެ އިންޒާރު ދީފައެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ(ހ) ގެ ދަށުން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ.
އެޤާނޫނުގައި "ބިރުދެއްކުން ނުވަތަ އިންޒާރުދިނުން" ކަމަށް ބުނެފައި ވަނީ، ސީދާ މީހެއްގެ ގާތަށް އައިސް އިންޒާރު ދިނުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުން ކޮށްގެން މީހެއްގެ ޖިސްމަށް ނުވަތަ މުދަލަށް ނުވަތަ ޢާއިލާގެ މެމްބަރަކަށް އެއްވެސް މިންވަރެއްގެ ގެއްލުމަށް ނުވަތަ އަނިޔާއެއް ދޭނެކަމަށް ބުނުމަށްކަމަށް ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ޤާނޫނުލް ޢުޤޫބާތުގެ 122 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގެ ދަށުން މީހަކަށް އަނިޔާއެއް ލިބިދާނެފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން ދައުލަތުގެ އެންމެ އިސްވެރިޔާއަށް ޙަމަލާދޭނެކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓް އަޙްމަދު އަދުހަމްގެ ނަމުގައި ހަދާފައިވާ އެކައުންޓުން ކޮށްފައިވާ ޓްވީޓަކީ ބިރުދެއްކުމުގެ ޢަމަލެއްކަމުގައި ބެލުމުގެ އިހްތިމާލު އެބައޮތެވެ.