ފަހު ވަގުތު ސްވިޑެން ބަލިކޮށް ޖަރުމަނުން ވޯލްޑްކަޕްގެ ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފިއެވެ.
ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި މިރޭ ޖަރުމަން މޮޅުކޮށްދިނީ މެޗުގެ އިތުރުވަގުތު އެންމެ ފަހު މިނެޓުގައި މިޑްފިލްޑަރ ޓޮނީ ކްރޫސް ޖަހައިދިން ގޯލާއިއެކު ދޭއް އެކެއްގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސްވިޑެންއެވެ. މި ލަނޑު ޖަހައިދިނީ އޮލާ ޓޮއިވޮނެންއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދިނީ މާކޯ ރޮއިސެވެ.
މެޗުގެ ފަހު ފަހު އަށް މިނެޓު ޖަރުމަނުން ކުޅުނީ ދިހަ ކުޅުންތެރިންނާއިއެކުަގއެވެ. ސްވިޑެންގެ ފޯވާޑް ބާރގަށް ކުރި ފައިލަކަށް ބޯޓެންގއަށްވަނީ ދެވަނަ ރީނދޫކާޑާއިއެކު ރަތްކާޑު ދައްކާފައެވެ.
މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ޖަރުމަނު މޮޅުކޮށްދިނީ ޓޯނީ ކްރޫސެވެ. މި ލަނޑު އޭނާ ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ.މި ލަނޑާއިއެކު ޖަރުމަނަށްވަނީ ވޯލްޑްކަޕްގެ ދެވަނަ ބުރުގެ އުއްމީދު އައުވެފައެވެ.
ފަހު މެޗުގައި ޖަރުމަން ނިކުންނާނީ ކޮރެއާއާއި ދެކޮޅަށެވެ. އަދި ސްވިޑެން ފަހު މެޗުގައި ނިކުންނާނީ މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެ ގްރޫޕްގެ އެއްވަނައިގައި އޮތް މެކްސިކޯއާއި ދެކޮޅަށެވެ.