ކުޅިވަރު

ޕެނަލްޓީ ނާކާމިޔާބު ވުމުން މެސީ ދެރަވެއްޖެ!


އައިސްލޭންޑް އަތުން މޮޅުވާން ލިބުނު ޕެނަލްޓީ ނާކާމިޔާބުވުމުން ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ބުނެފިއެވެ.

ދެ ޓީމު 1-1 ން އެއްވަރުވި މެޗު ކާމިޔާބު ކުރަން ލިބުނު ޕެނަލްޓީ މެސީ ފޮނުވާލުމުން ދިފާއުކުރީ ކީޕަރު ހަލްޑޯސަންއެވެ. މެޗަށް ފަހު އޭނާ ބުނީ މެސީ ޕެނަލްޓީ ޖަހާގޮތް ވަރަށް ރަނގަޅަށް އޭނާ ދަސްކުރި ކަމަށެވެ.
ނަމަވެސް މެސީ ބުނީ އައިސްލޭންޑުން ބޯޅަ ކުޅެން ނޫޅޭ ކަމަށެވެ.

"އެމީހުން ނޫޅޭ ކުޅޭކަށް. އަހަރުމެންނަށް ޖެހުނީ (އެމީހުންގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަންނާނެ) ޖާގަ ހޯދަން މަސައްކަތް ކުރަން. އެމީހުންތިބީ ފަހަތުގައި މަޑުކޮށްލައިގެން. މިއީ މެޗު އެންމެ ބޮޑަށް އުނދަގޫވި ސަބަބަކީ. އެއްބަޔަކު ކުޅެން މަސައްކަތް ކުރާއިރު އަނެއް ބަޔަކު މުޅިން ދިފާއު ކުރާނަމަ ވަރަށް އުނދަގޫވާނެ،" މެސީ ބުންޏެވެ.

އިއްޔެގެ މެޗުގައި އައިސްލޭންޑް ކުޅުނީ މެސީ ވަރަށް ބޮޑަށް މާކްކޮށްގެންނެވެ. އޭނާއަށް ފާރަލައިގެން ދެ ކުޅުންތެރިން އަބަދުވެސް ތިބޭއިރު ބޯޅަ ލިބުމުން ބައެއް ފަހަރު ތިން ކުޅުންތެރިން އޭނާ ވަށާލާ މަންޒަރު ފެނުނެވެ.

"ފުރަތަމަ މެޗުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް. އެކަމަކު އަހަރުމެންނަށް އެކަން ނުކުރެވުނު. މެޗުން މޮޅުނުވި އެންމެ ބޮޑު ސަބަބަކީ ވެސް ޕެނަލްޓީ ނުވަނުން. މިހާރު އަހަރުމެންނަށް ވިސްނަން ޖެހިފައިމިވަނީ ކްރޮއޭޝިޔާއާ މެދު،" މެސީ ބުންޏެވެ.

މެޗަށް ފަހު އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕޯލީ ބުނީ މެސީގެ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، އޭނާއާ މެދު އެއްވެސް ޝަކުވާއެއްނެތް ކަމަށެވެ.