ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި ޖޫނިއަރގެ ފައިނަލަށް ދަތުރުކުރި ގަދަ ފަސް ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްދަލުކުރައްވާ ބައިވެރިންނަށް ހިތްވަރު ދެއްވައިފިއެވެ.
ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ކާމިޔާބު އެއް މުބާރާތްކަމަށްވާ އެންމެ އަލިގަދަތަރި ޖޫނިއަރގެ ފައިނަލަށް ދަތުރުކުރި ގަދަ ފަސް ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްދަލުކުރެއްވީ މުލިއާގޭގައެވެ.
ތަރާވީހާ އެއްކޮށް ކުރިއަށްދިޔަ ޙަފުލާގައި ފާޠިމަތު އިބްރާހީމް ވަނީ ފަސް ބައިވެރިންނާ އެ ބައިވެރިންގެ ޢާއިލާއާއި ބައްދަލުކުރައްވާ މުބާރާތުން ބައިވެރިން ހޯދަމުން އަންނަ ކާމިޔާބީއަށް މަރުޙަބާ ކިޔާ ހިތްވަރު ދެއްވާފައެވެ. ރައީސްގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ކޮންމެ ބައިވެރިއަކަށްވެސް ހަދިޔާއެއް ދެއްވިއެވެ.
ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރގެ ފައިނަލްގައި ވާދަކުރާ ފަސް ބައިވެރިންނަކީ
1. މަރިޔަމް މަހާ މުޙައްމަދު
2. ޢަބްދުﷲ ޙަޔާން ޙަމީޒް
4. ޢަލީ ސައުދާން ޝަހީމް
5. އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު
6. މުޙައްމަދު ސާޢީ މުބާރިކް
މި ޙަފުލާގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފާއި، މުބާރާތުގެ ފަނޑިޔާރުންނާއި ޕްރެޒެންޓަރުންނާއި ޕްރޮޑަކްޝަން ޓީމުން ބައިވެރިވިއެވެ.
ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރގެ ފައިނަލްގައި ވާދަކުރާ ބައިވެރިން ވަނީ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުވުމަކީ ލިބުނު ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި މުބާރާތުގެ ގްރޭޑް ފިނާލޭ އޮންނާނީ އާދިއްތަ ދުވަހުގެ ރެއެވެ. ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޖޫނިއަރއަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު ކުޑަކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ މުބާރާތެކެވެ.
ޢުމުރުން 8 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ 1 ވަނަ އަށް ހޮވޭ ކުއްޖަކަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ދެވަނައަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ އަދި 3 ވަނަ އަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.