ޚަބަރު

ޖަޕާނާއި ޗައިނާއިން ރާއްޖެއަށް ދީފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ޗައިނާއާއި ޖަޕާން ސަރުކާރުން ރާއްޖެއަށް ދީފައިވާ ސްކޮލަރޝިޕްތަކަކަށް ކުރިމަތިލުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމަރސްއާއި، އެޤައުމުގެ ޓިއާންޖިން ޔުނިވަރސިޓީން ހުޅުވާލާފައިވާ ފުރުޞަތުތަކުގެ އިތުރުން ޖަޕާންގެ ސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ. މީގެ ތެރެއިން ޗައިނާގެ ކޮމަރސް މިނިސްޓްރީން ފުރުޞަތު ހުޅުވާލާފައިވަނީ މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ ލެވެލްގެ ކޯސްތަކަށެވެ. އަދި ޓިއާންޖިން ޔުނިވަރސިޓީން މާސްޓަރސް ޑިގްރީގެ ކޯސްތަކަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ސިގްނަލް އެންޑް އިންފޮމޭޝަން ޕްރޮސެސިންގ، އެޕްލައިޑް ކޮމްޕިއުޓަރ ޓެކްނޮލޮޖީ، މެކޭނިކަލް އިންޖިނިއަރިންގ އެންޑް އޮޓޮމޭޝަން، ކޮންޓްރޯލް ތިއަރީ އެންޑް ކޮންޓްރޯލް އިންޖިނިއަރިންގ އަދި ވެހިކަލް އިންޖިނިއަރިންގއާއި ގުޅޭ ކޯސްތައް ހިމެނެއެވެ.

"ޖަޕަނީޒް ގަވަރމަންޓް ސްކޮލަރޝިޕް 2019"ގެ ނަމުގައި ޖަޕާން ސަރުކާރުން ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކުގެ ތެރޭގައި ރިސާޗް ސްޓަޑީޒްއާއި ގުޅުންހުރި މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ ލެވެލްގެ ކޯސްތައް ހިމެނެއެވެ ނަމަވެސް ހުޅުވާލާފައިވަނީ ކިހާ ފުރުޞަތެއްކަން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ހާމަކޮށްފައެއްނުވެއެވެ. މި 3 ސްކޮލަރޝިޕަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށްކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ، ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތަކީ މި ފުރުޞަތުތަކުގެ ދަށުން އެމީހަކު ބޭނުންވާ ކޯހަކާއިގުޅޭ ޝަރުތުތަކުގެ އިތުރުން، ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެ ފަހުގެ އެހީއަށްފަހު، އެ ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ސުންގަޑިއަށް، ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ އެ ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ، އެ ލޯނެއް އަނބުރާ ދައްކާ ޚަލާސްކޮށްފައިވާ ފަރާތަކަށްވެސް ވާންޖެހޭނެކަމަށެވެ.

މީގެ އިތުރުން އެމީހަކު ކުރިމަތިލާ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވާންޖެހޭނެކަމަށާއި، އެ ބޭނުންވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.