ޚަބަރު

ކޮންގްރެސްގައި ކުށްވެރިން ބައިވެރިކޮށްގެން ނުވާނެ، ބަލައެއް ނުގަންނާނަން - އީސީ


ސިޔާސީ ޕާޓީތަކުގެ ކޮންގްރެސްތަކުގެ ތެރެއިން ކުށްވެރިން ބައިވެރިކޮށްގެން ބާއްވާ އެއްވެސް ކޮންގްރެސްއެއް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަންނާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ކޯޓުގެ އަމުރަކަށް އެދުނީވެސް އެ ޕްރައިމަރީގައި ޤާނޫނު ތަންނުދޭ ފަރާތްތައް ބައިވެރިވެފައިވާތީ ކަމަށެވެ. އެހެންކަމުން އެއްވެސް ސިޔާސީ ޕާޓީއެއްގެ ކޮންގްރަސެއް ދިވެހިރާއްޖޭގައި ހެދިފައިވާ އެއްވެސް ޤާނޫނަކާ ޚިލާފަށް ނުގެންދެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އަޅުގަނޑު ޔަޤީން ކުރަނީ ސިޔާސީ ޕާޓީތަކުން ކޮންގްރެސްތައް ކުރިއަށް ގެންދާއިރު އެފަދަ ފަރާތްތައް ބައިވެރި ނުކުރާނެ ކަމަށް. އެފަދަ ގޮތަކަށް (ކުށްވެރިން ހިމަނައިގެން) ކޮންގްރެސް ބާއްވައިފި ނަމަ އެކޮންގްރެސް ބަލައެއް ނުގަންނާނަން." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ސިޔާސީ ޕާޓީތަކުން ކޮންގްރެސް ބާއްވަން ޖެހޭ ކަމަށާއި ނަމަވެސް ކޮންގްރެސް ބާއްވަންޖެހޭ މުއްދަތުގައިިވެސް ބައެއް ޕާޓީތަކުން ކޮންގްރެސް ބާއްވާފައިނުވާ ކަމަށެވެ. ކޮންގްރެސް ބާއްވަންޖެހޭ ތާރީޚުގައި ކޮންގްރެސް ބާއްވާފައި ނުވަނީ ކޮން ޕާޓީތަކަކުން ކަމެއް އޭނާ ވިދާޅެއްނުވެއެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީއާ އެމްޑީޕީންވެސް ވަރަށް އަވަހަށް ކޮންގްރެސް ބާއްވާނެ ކަމަށް އެ ދެ ޕާޓީންވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެދެ ޕާޓީންވެސް ކޮންގްރެސްއަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށެވެ. އެގޮތުން ކޮންގްރެސް ބާއްވާނެ ތަނެއް ހަމަޖައްސައި ދިނުމަށް އެދި އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާއިރު އެ ޕާޓީން ބޭނުންވާ މުއްދަތަށް ތަނެއް ލިބޭތޯ މަސައްކަތް ކުރާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ކުށްވެރިން ބައިވެރިކޮށްގެން ބާއްވާ އެއްވެސް ކޮންގްރެސްއެއް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަންނާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ވަނީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައެވެ. ކުރީގެ ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ޢާންމު މެމްބަރެއްގެ ހައިސިއްޔަތުން ހުރުން ފިޔަވައި، އެހެން ކަމެއްގައި ބައިވެރިވުމުގެ ފުރުސަތެއް ނެތެވެ.