ޚަބަރު

ދެ ފަނޑިޔާރުންނަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި


ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ކުށް ސާބިތުވެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ހަމީދަށް ދަށުކޯޓުން ކުރި ހުކުމް، ހައިކޯޓުން ދަމަހައްޓައިފިއެވެ.

ހައިކޯޓުން މިގޮތަށް ނިންމީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ކުށް ސާބިތުވެ މި ދެފަނޑިޔާރުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ވަކި ވަކިން ބޭއްވި ޝަރީޢަތުގައެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލަ ސާބިތުވެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ހަމީދު 1 އަހަރާއި، 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ލުއިކޮށްދެއްވާ، ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މި ހުކުމް 1 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން އިއްވި ހުކުމުގައި ބުނެފައިވަނީ ދެ ފަނޑިޔާރުންގެ މައްޗަށްވެސް، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވިކަމުގެ ދަޢުވާ، ހެކިންގެ ހެކިބަހުން ސާބިތުވާކަމަށެވެ. ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމަށް ދެ ފަނޑިޔާރުންނަށްވެސް ދިހަ ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ދާދި ފަހުން ގެނައި އިސްލާޙުގައި ވަނީ، ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާގުޅިގެން ދަށު ކޯޓަކުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 10 ދުވަސްކަމަށެވެ. އަދި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓުން އެ މައްސަލަ ނިންމަންވާނެކަމަށްވެސް ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުގައިވެއެވެ.