ވިޔަފާރި

މަހުގެ އެކްސްޕޯޓުން ލިބުނު އާމްދަނީ އޭޕްރިލް މަހުގެ %77 މައްޗަށްދިޔަ - ކަސްޓަމްސް


މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މަހުގެ ބާވަތްތައް އެކްސްޕޯޓުކޮށް ލިބުނު އާމްދަނީ %77 މައްޗަށް ގޮސްފައިވަކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކަސްޓަމްސްއިން ނެރެފައިވާ ތަފާސްހިސާބުތައް ދަށްކާގޮތުން މިދިޔަ އެޕްރީލް މަހުގެ ތެރޭ ކަނޑުމަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކޮށް ލިބުނު އާމްދަނީ ވަނީ 2017ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %77 މައްޗަށް ގޮސްފައެވެ. މިގޮތުން 2017ގެ އޭޕްރިލްމަހު ރާއްޖެއިން ބޭރު ޤައުމުތަކަށް 208 މިލިއަން ރުފިޔާގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކޮށްފައިވާއިރު، މިޢަދަދު މިއަހަރު މިމުއްދަތުގައި 368 މިލިއަން ރުފިޔާއަށްވަނީ އިތުރުވެފައެވެ. މިގޮތުން މިއަހަރުގެ އޭޕްރިލްމަހު އެންމެ ގިނަ ޢަދަދަކަށް މަސް އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އޭޕްރިލްމަހު އެކްސްޕޯޓުކުރި މަހާއި މަހުގެ ބާވަތްތަކުގެ ޖުމްލައިން 50 އިންސަތަ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. މީގެއިތުރުން ޖަރުމަނުވިލާތް، އިނގިރޭސިވިލާތް އަދި އެމެރިކާއާއި ފްރާންސަށްވެސް ގިނަ ޢަދަދަކަށް މަހާ މަހުގެ ބާވަތްތައް އޭޕްރިލްމަހު އެކްސްޕޯޓުކުރިކަމަށް ތަފާސްހިސާބުތަކުން ދަށްކައެވެ.

އަނެއްކޮޅުން އިމްޕޯޓު ވެލިއުވެސް މިދިޔަ އަހަރުގެ އޭޕްރިލްމަހާ އަޅާބަލާއިރު، މިއަހަރުގެ އޭޕްރިލްމަހުވަނީ 16 އިންސައްތަ މައްޗަށް ގޮސްފައެއެވެ. މިއަހަރު އޭޕްރިލްމަހު ރާއްޖެއަށް 3.77 ބިލިއަން ރުފިޔާގެ ތަކެތި އިންޕޯޓުކޮށްފައިވާއިރު، 2017ގެ މިމުއްދަތުގައި އިންޕޯޓުކޮށްފައިވަނީ 3.25 ބިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް މުދާ އިންޕޯޓުކޮށްފައިވަނީ ޔުނައިޑަޓް އަރަބް އެމިރޭޓްސްއިންނެވެ. ޖުމްލަ އިންޕޯޓްސްގެ 21 އިންސަތަ އިންޕޯޓުކޮށްފައިވަނީ ޔޫއޭއީއިންނެވެ. ދެވަނަ އަދި ތިންވަނައަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ 13 އިންސަތައާއެކު ސިންގަޕޫރުން، އަދި 12 އިންސަތައާއެކު ޗައިނާއިންނެވެ.

އޭޕްރިލްމަހުގައި މުދާއެތެރެކުރި މިންވަރު އިތުރުވުމާ ގުޅިގެން ކަސްޓަމްސްއިން އިންޕޯޓު މުދަލަށްނަގާފީ އަދި ޑިއުޓީވެސް ވަނީ 2017ވަނަ އަހަރުގެ އެމުއްދަތާއަޅާބަލާއިރު 31 އިންސައްތަ މައްޗަށްގޮސްފައެވެ. މިއަހަރުގެ އޭޕްރިލްމަހު ކަސްޓަމްސްއިން އިންޕޯޓުމުދަލުގެ ގޮތުގައި 262 މިލިއަން ރުފިޔާ ނަގާފައިވާއިރު، 2017ގެ މިމުއްދަތުގައި ކަސްޓަމްސް ޑިއުޓީ އަދި ފީގެ ގޮތުގައި ނަގާފައިވަނީ 200 މިލިއަން ރުފިޔާއެވެ.