ޚަބަރު

ޖެމްސްގެ ޚިދުމަތް ކަނޑާލަން އެންގުމުގައި އުއްތަމަ ފަނޑިޔާރުގެ ނިޔަތްގޯސް - ދައުލަތުގެ ވަކީލް


ސުޕްރީމް ކޯޓުގެ އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް، ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އެންގެވީ ނުބައި ނިޔަތެއްގައިކަމަށާއި، އެއީ ޤާނޫނީ ކުށެއްކަމަށް ދައުލަތުން ބުނެފިއެވެ.

މި މައްސަލާގައި މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ޢަބްދުﷲ ސަޢީދުގެ ވަކީލުން އިސްތިއުނާފަށް ހުށައެޅި މައްސލަތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ޖެމްސްގެ ޚިދުމަތަކީ ސަރުކާރުގެ އޮފީސްތަކުގެ ލިޔެކިޔެކިއުންތައް ބަދަލުކުރުމަށް ބޭނުންކުރަމުން އަންނަ ނިޒާމެއްކަމަށާއި، އެ ނިޒާމް ސުޕްރީމް ކޯޓުގައިވެސް ބޭނުންކުރާކަމަށެވެ. ސުޕްރީމް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވީ އުއްތަމަ ފަނޑިޔާރުކަމަށްވެފައި، އުއްތަމަ ފަނޑިޔާރުގެ ބެލުމުގެ ދަށުން ނޫނީ އެއްވެސް ކަމެއް ސުޕްރީމް ކޯޓުގައި ނުހިނގާނެކަން ވަކީލާ ފާހަގަކުރެއްވިއެވެ.

ފެބުރުއަރީ 4 އާއި 5 ވަނަ ދުވަހު ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން މުވައްޒަފުންނަށް އެންގީ ޢަބްދުﷲ ސަޢީދުކަން ހެކިންގެ ހެކިބަހުން އެނގޭކަމަށެވެ. އެހެންކަމުން ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެނގީ ލިޔެކިއުންތައް ފޮނުވުމަށް ހުރަސް އެޅުމަށްކަމަށްވާތީ އެކަމުގައި ޢަބްދުﷲ ސަޢީދުގެ ނުބައި ނިޔަތެއް އޮތްކަން ސާބިތުވާކަމަށެވެ. މީގެ އިތުރުން ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެންގުމަކީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުންކަމަށާއި، ސުޕްރީމް ކޯޓުން ފޮނުވަން ބޭނުންވާ ލިޔެކިއުންތައް ފޮނުވުމަށް ޖެމްސް ސިސްޓަމް ގުޅުމަށާއި، އަދި ލިޔެކިއުންތައް ފޮނުވައި ނިމުމުން އެ ނިޒާމް ކަނޑާލަން ޢަބްދުﷲ ސަޢީދު އެންގިކަން ހެކިންގެ ހެކިބަހުން އެނގެން އެނގޭކަމަށެވެ. އެހެންކަމުން އެ ޢަމަލަކީ ޤާނޫނުލް އުގޫބާތުގައި ބުނާ މާއްދީ ގޮތުން ދައުލަތުގެ މަސައްކަތަށް ހުރަހެއް ކުރިމަތި ކުރުވުންކަމަށް ބެލެވޭކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުން ވަނީ ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުއީ އަދި ޤާނޫނީ ހަމަތަކުން ކަނޑައަޅާފައިވާ ހުކުމެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިފައެވެ. މި މައްސަލައިގެެ އަޑުއެހުންތައް މިއަދު ނިންމަލާފައިވަނީ މި މައްސަލާގައި ހުކުމް އިއްވުން ދެން އޮންނަ ޝަރީޢަތުގެ މަޖިލީހުގައި އޮންނާނެކަން ފަނޑިޔާރުންގެ ބެންޗުން ޢިޢުލާންކުރުމަށްފަހުއެވެ.