ކުޅިވަރު

ފަރުވާ ހޯދުމަށް ސަލާހް ސްޕޭނަށް


ކޮނޑަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދުމަށް މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް ސްޕޭނަށް ހިނގައްޖެއެވެ.
މިސުރުގެ ފުޓްބޯޅަ ފެޑަރޭޝަނުން މިކަން ޔަޤީންކޮށްދީފައިވާއިރު، ސަލާހަށް ފަރުވާ ދިނުމުގައި ލިވަޕޫލްގެ މެޑިކަލް ޓީމުން ވެސް ބައިވެރިވާނެއެވެ. ސަލާހު ސްޕެއިންގެ އެއަޕޯރޓުން ނިކުމެގެން ދިޔައީ ބޯ ނިވާކޮށްގެންނެވެ. އޭނާގެ ފަހަތުން ނޫސްވެރިއަކު ސުވާލުތައް ކުރަމުން ދިޔަ ނަމަވެސް އެކަމަށް ސަލާހު ފަރުވާލެއް ނުބަހައްޓައެވެ.

ސަލާހަށް އަނިވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައެވެ. އޭނާއަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމުގެ ބިރު އެ މެޗަށް ފަހު ހީވި ނަމަވެސް އަންނަ މަހު ފަށާ މުބާރާތުގައި ކުޅޭނެކަން ކުޅުންތެރިޔާ ވަނީ މިހާރު ޔަގީންކޮށްދީފައެވެ.
ސަލާހް ފިޓް ކުރުމަށް މިސުރުގެ ފުޓްބޯޅަ ފެޑަރޭޝަނުން މަސައްކަތް ކުރާއިރު އޭނާއަށް ފައުލްކޮށްފައިވާތީ ސްޕޭނުގެ ރެއާލް މެޑްރިޑުގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއާ ދެކޮޅަށް މިސުރުގެ ސަޕޯޓަރުން ވަނީ ޕެޓިޝަނެއް ވެސް އެކުލަވާލައިފައެވެ. ނަމަވެސް އެ މެޗުގެ ހާދިސާތަކަށް ފިޔަވަޅު ނާޅާނެކަން ޔޫއޭފާއިން މިހާރު ވަނީ ބުނެފައެވެ. ސަބަބަކީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް މެޗުގައި ފާހަގަކުރެވިފައިނުވާތީއެވެ.