ކްރިމިނަލް ކޯޓުގެ އިސް ޤާޟީއަކަށް އަލްއުސްތާޛު އަޙުމަދު ޙައިލަމް އައްޔަން ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމަށް ޤާޟީ ޙައިލަމް އައްޔަން ކުރަން ނިންމެވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަކަށް މީގެކުރިން ހުންނެވީ ޤާޟީ ޢަބްދުލްބާރީ ޔޫސުފްއެވެ. ނަމަވެސް ޤާޟީ ބާރީ ޖުވެނިއަލް ކޯޓަށް ބަދަލުކުރެއްވުމާއިއެކު ކްރިމިނަލް ކޯޓު ހިންގެވުން ޙަވާލު ކުރައްވާފައިވަނީ ޤާޞީ އާދަމް އާރިފްއަށެވެ. ޙައިލަމް އަކީ ދާދިފަހުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި ބޭފުޅެކެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި އިތުރު ދެ ކޯޓަކަށް ވެސް އިސް ޤާޟީން ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ޖުވެނިއަލް ކޯޓާއި ޑްރަގް ކޯޓެވެ. ޖުވެނައިލް ކޯޓުގެ އިސް ޤާޟީ ކަމަށް އެ ކޯޓުގެ ޤާޟީ ސަޢީދު އިބްރާހީމް ޢައްޔަން ކުރަން ނިންމިއިރު، ޑްރަގް ކޯޓުގެ އިސް ޤާޟީ ކަމަށް ޢައްޔަންކުރަން ނިންމީ އެ ކޯޓުގެ ގާޒީ ޢަބްދުއްސައްތާރު އަބްދުލްހަމީދެވެ.