ކުޅިވަރު

ސާބަސް ރެއާލް މެޑްރިޑް


ގެރެތް ބޭލް ޖެހި ދެ ގޯލާއެކު 3-1 ން ލިވަޕޫލް ބަލިކޮށް، ވިދިވިދިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ތަށި ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.

ޔުކްރޭނުގެ ކިއޭވްގައި ކުޅުނު ފައިނަލް މެޗުގައި ރެއާލް މޮޅުވީ މެޗުގެ ފުރަތަމަ 30 މިނިޓަށް ފަހު ލިވަޕޫލްގެ ތަރި މިސުރުގެ މުހައްމަދު ސަލާހް ބާލަން ޖެހުމަށްފަހުއެވެ. އޭނާގެ ކޮނޑުހުޅު ނެއްޓުނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުރި ފައުލަކުންނެވެ.
ފަހު ހާފުގައި ކުޅެން ނުކުމެ ބޭލް ދެ ގޯލު ޖެހުމުގެ ކުރިން ރެއާލްގެ ފުރަތަމަ ލަނޑު ޖެހީ ކަރީމް ބެންޒެމާއެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ ސާދިއޯ މާނޭއެވެ. ރެއާލްގެ ފުރަތަމަ އަދި ފަހު ގޯލުގައި ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއަސްގެ ގޯސްތައް ހިމެނެ އެވެ. އޭނާ ވަނީ މެޗަށްފަހު ވަރަށް ބޮޑަށް ރޮއެ، އަތުގެ އިޝާރާތުން ލިވަޕޫލްގެ ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

މިއީ ޓީމަކުން ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއާ އެކު ކޯޗު ޒައިނުއްދީން ޒިދާން ވެފައިވަނީ ވަނީ މި މުބާރާތް ތިން ފަހަރު ނެގި ހަމައެކަނި ކޯޗަށެވެ. މިއީ ރެއާލް މި މުބާރާތް ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ރެއާލް އެވެ. ލިވަޕޫލް ފަސް ތަށި ހޯދިއިރު އެންމެ ފަހުން ތަށި ހޯދީ 2005 ގައެވެ.