ރާއްޖޭގައި މިހާރުހުރި އުފެދިފައިވާ އިޖްތިމާޢީ މައްސަލަތައް ފެތުރެމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސޯޝަލް މީޑިއާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކްލިކް ކޮލެޖްގެ 2018 ވަނަ އަހަރުގެ ދަސްވެނިވުން ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުދި މައްސަލަތަކުން ފެށިގެން ޤައުމީ ބޮޑެތި މައްސަލަތައްވެސް ފެތުރިގެންދާކަމަށެވެ. މީގެ ސަބަބުން ޤައުމީ ސަލާމަތާއި މީހުންގެ ފުރާނައަށް ނުރައްކާވާވަރުގެ މައްސަލަތައްވެސް ފެތުރިގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ލާދީނީ ފިކުރު ފެތުރުމަށްވެސް އެންމެ ބޮޑަށް މިހާރު ބޭނުންކުރަނީ ސޯޝަލް މީޑިއާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ތަފާތު އިޖްތިމާއީ މައްސަލަތައް ފެތުރެމުންދަނީ، ނުވަތަ އަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުންދާ އެއްވަސީލަތަކީ އިންޓަނެޓް. ސޯސަލް މީޑިއާ މެދުވެރިކޮށްގެން އަޅުގަނޑުމެންނަށް ލިބެމުންދާ މެސެޖްތައް. މި މެސެޖްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި، އަޅުގަނޑުމެންގެ ކުޑަކުދިންގެ މެދުގައި، އަދި ހަމަ އެއާއިއެކު އަޅުގަނޑުމެންގެ ތަފާތު އެކި ގިންތިތަކުގެ މެދުގައި ތަފާތު އެކި މައްސަލަތައް ފެންނަމުން އެބަދޭ." މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ކުލިކް ކޮލެޖްގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 141 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. މީގެއިތުރުން ފާއިތުވި އަހަރުގެ ތެރޭގައި އެކޮލެޖުން ކިޔެވި ދަރިވަރުންގެ ތެރެއިން ރަނގަޅު ނަތީޖާ ހާސިލްކުރި ދަރިވަރުންނަށް ހަނދާނީ ފިލާވަނީ ދީފައެވެ. އެ ކޮލެޖުގެ އެންމެ ފާހަގަކޮށްލެވޭ 2 މުދަރިންސުންނަށް ވަނީ "އެވޯޑް ފޮރ އެކްސެލެންސް އިން ޓީޗިންގ" ގެ ނަމުގައި އެވޯޑެއްވެސް ދީފައެވެ. މި އެވޯޑް ލިބުނީ އެ ކޮލެޖްގައި ކިޔަވައިދޭ 2 މުދަރިއްސުންކަމަށްވާ އާމިނަތު ޝިފާނާ ރަޝީދާއި އަޙްމަދު ރިޒާއަށެވެ.