ޚަބަރު

ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ހާލު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި


ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސްގެ ހާލު ދެރަވެ، ހުޅަނގު އައްސޭރީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ. މިއީ އުމުރުން 82 އަހަރުގެ އައްބާސް ހަފުތާއެއްގެ ތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓްކުރެއްވި ތިން ވަނަ ފަހަރެވެ.

ފަލަސްޠީނުގެ ރަސްމީ ޚަބަރުފަތުރާ އިދާރާ ވަފާއިން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހު އައްބާސް ވަނީ ކަންފަތުގެ ސަރޖަރީއެއް ކުރައްވާފައި ކަމަށާއި އާދިއްތަ ދުވަހު ރާމަﷲ ހުންނަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފައިވަނީ ސަރޖަރީއަށް ފަހު ހަދަން ޖެހޭ ބައެއް ޓެސްޓްތަކެއް ހެދުމަށްކަމަށެވެ.

ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ފަލަސްޠީނު ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައިވަނީ އައްބާސްގެ ހާލު ސީރިއަސް ނޫން ކަމަށާއި ޓެސްޓްތަކުން ކަންބޮޑުވާ މިންވަރުގެ މައްސަލައެއް ނުފެންނަކަމަށެވެ. މި އަހަރުގެ ފެބްރުއަރީ މަހު ފަލަސްޠީނުގެ ރައީސް އެމެރިކާއަށް ކުރެއްވި ދަތުރެއްގައި ވެސް ވަނީ އެ ގައުމުގެ ހޮސްޕިޓަލެއްގައި އެޑްމިޓުކޮށް ފަރުވާ ދޭން ޖެހިފައެވެ.

މަހްމޫދު އައްބާސްގެ ސިއްހީ ހާލާމެދު ސުވާލު އުފެދިފައި މިވަނީ، ފަލަސްޠީނާއި އިސްރާއީލުގެ މައްސަލަތައް އަލުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން މި މަހުގެ 14 ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާ އާއި އިސްރާއީލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި މުޒާހަރާ ކުރަމުންދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި އެކަނިވެސް ފަސްދޮޅަހަށް ވުރެ ގިނަ މީހުން ޝަހީދުވިއެވެ.