ޚަބަރު

އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލާއި އެކްސްޕޯޓު ކުރި މުދަލުގެ އަގު މައްޗަށް ގޮސްފި


މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލާއި އެކްސްޕޯޓް ކުރި މުދަލުގެ އަގު މައްޗަށް ގޮސްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ޖުމްލަ އަގު 2017 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 16 އިންސައްތަ ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް 3.25 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ އޭޕްރީލް މަހު މިޢަދަދުވަނީ 3.77 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ 21 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރުން 13 އިންސައްތަ އަދި ޗައިނާއިން 12 އިންސައްތަ މުދާ އެތެރެކޮށްފައިވާކަމަށް ކަސްޓަމްގެ ތަފާސްހިސާބުތައް ދައްކައެވެ.

2017 ވަނަ އަހަރުގެ އޭޕްރީލް މަހު 208 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 368 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 77 އިންސައްތައިގެ އިތުރުވުމެކެވެ.

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ އޭޕްރިލް މަހު އެކްސްޕޯޓްކުރި މުދަލުގެ 50 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. 8 އިންސައްތަ ޖަރުމަންވިލާތަށް އެކްސްޕޯޓުކޮށްފައިވާއިރު، 7 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތާއި، އެމެރިކާއަށެވެ. އަދި 6 އިންސައްތަ މުދާ އެކްސްޕޯޓުކޮށްފައިވަނީ ފަރަންސޭސިވިލާތަށެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު ހުސްވި އޭޕްރީލް މަހު ވަނީ %31 އިތުރުވެފައެވެ. މިއަހަރުގެ އޭޕްރީލް މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 262 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ލިބިފައިވަނީ 200 މިލިއަން ރުފިޔާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.