ޚަބަރު

ސަދަޤާތް ފައުންޑޭޝަނުން ނިކަމެތިންނަށް ކާޑު ބަހަނީ


ދަތި ޙާލުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ހިންގަވާ ސަދަޤާތު ފައުންޑޭޝަނުން ރޯދަ ހަދިޔާއެއްގެ ގޮތުގައި ކާޑުގެ ބާވަތްތައް ބަހަން ފަށައިފިއެވެ.

ސަދަޤާތް ފައުންޑޭޝަނުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާ ބެހުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ރަޝީދު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ ކާޑުގެ ބާވަތްތައް ބަހަމުން ދަނީ އެންމެހައި ރައްޔިތުންނަށް ނޫންކަމަށާ، ކާޑުގެ ބާވަތްތައް ބަހަނީ ދަތި ހާލަތުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ބެލުމަށްފަހު އެމީހުންނަށް ކަމަށެވެ.

ޔާމީން ވިދާޅުވީ ކާޑުގެ ބާވަތްތަކުގެ އިތުރުން މިއަހަރުވެސް ސަދަޤާތް ފައުންޑޭޝަނުން ކަދުރު ބަހާނެކަމަށެވެ. އެގޮތުން އޮޑިދޯނިފަހަރާއި މާލޭގެ މާރުކޭޓް ސަރަޙައްދުގައި ޙަރަކާތްތެރިވާ ޢާންމު ރައްޔިތުންނަށް ކަދުރު ބަހަމުންދާކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ މި ރޯދަމަހުވެސް ސަދަޤާތް ފައުންޑޭޝަނުން ޢާންމުންނަށް ރޯދަވީއްލުމާއި ތަރާވީސް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. ސަދަޤާތް ފައުންޑޭޝަނުން އަންނަނީ ކޮންމެ އަހަރެއްގެވެސް ރޯދަމަހު ޢާންމުންނަށް މިފަދަ އެތައް ހަދިޔާތައް ދެމުންނެވެ. އަދި އެ ފައުންޑޭޝަނުން އަންނަނީ އިޖުތިމާޢީ އެކި ޙަރަކާތްތައްވެސް ހިންގަމުންނެވެ.