މި ރޯދަމަހު ހަވީރު 3:00އިން ފެށިގެން 18:00އާއި ދެމެދު މުދާ އުފުލުން މަނާވާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މި ރޯދަމަހު މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފައެވެ.
އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސް ނިމެންދެން ވިޔަފާރި މުދާ އުފުލަން ހަމަޖެހިފައިވަނީ ހަވީރު 18:00 އިން ފެށިގެން ހެނދުނު 08:00 އަށް ކަމަށެވެ. އެ ވަގުތުގައި ހުރިހާ ބާވަތެއްގެ މުދަލެއް އުފުލޭނެ ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރީޓީން ނެރުނު އިޢުލާނުގައި ބުނެފައިވެއެވެ.
އެ އޮތޯރީޓީގެ އިޢުލާނުގައި ބުނެފައިވަނީ 350 ކިލޯއަށް ވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދުގައި ފެނާއި ކައްކާ ގޭސް، ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް އުފުލޭނެކަމަށެވެ. އަދި ހަވީރު 3:00އިން 18:00އާ ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް އުފުލުމަކީ މަނާ ކަމެއް ކަމަށްވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.
މި ރޯދަމަހު ގަނޑުކޮށް މުދާ އުފުލުމަށް ވަކި ގަޑިތަކެއް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅިއިރު މާލޭގެ މަގުތަކުގެ ތޮށްޖެހުން ކުޑަ ކުރުމަށްޓަކައި މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅައި އަމަލުކުރަށް މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ފަށާފައެވެ.