ޚަބަރު

ފަހު ވަގުތު ޓީސީން މާޒިޔާ އަތުން ޕޮއިންޓެއް ހޯދައިފި


މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޓީސީން މާޒިޔާ އަތުން ޕޮއިންޓެއް ހޯދައިފިއެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީ އަދި މާޒިޔާ ވާދަކުރި ފޯރިގަދަ ކުރިމަތިލުން އެއްވަރުވީ 2-2ންނެވެ. މެޗުގެ ފުރަތަމަ ދެ ގޯލް ޖަހައި ލީޑް ނެގީ މާޒިޔާއިންނެވެ. ފޯވާޑް ކޯނޭ ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ އަހުމަދު އިމާޒެވެ. ދެވަނަ ހާފުގައި މާޒިޔާއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކޯނޭއެވެ.

ގިނަ ފައުލްތަކެއް ފެނިގެންދިޔަ މެޗުގެ ދެވަނަ ހާފު ފޯރިގަދަވެގެންދިޔައީ މާޒިޔާގެ މިލޯސް ޓީސީގެ އެނެޓޮލީއަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ޓީސީއަށް ރެފްރީ އާދަމް ފަޒީލް ދިން ޕެނަލްޓީއާއިއެކުގައެވެ. އެނެޓޮލީ ފުރަތަމަ ފޮނުވާލި ޕެނަލްޓީ މާޒިޔާގެ ކީޕަރު މައުރޯ ބޮއާޗިއޯ ދިފާއުކުރިނަމަވެސް، އެނެޓޮލީ ބޯޅަ ފޮނުވާލުމުގެ ކުރިން މާޒިޔާގެ ކީޕަރު ގޯލް ރޮނގުން ކުރިއަށް ނިކުތުމާއިއެކު ރެފްރީވަނީ އަލުން ޕެނަލްޓީ ޖަހަން ނިންމާފައެވެ. ދެވަނަ ފަހަރަށް އެނެޓޮލީ ފޮނުވާލި ޕެނަލްޓީ ކީޕަރު މައުރޯ އަތުގައި ޖެހިފައި ނިކުތުމުން ލިބުނީ އެނެޓޮލީއަށެވެ. އޭނާވަނީ ފަސޭހަކަމާއިއެކު ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

މި ގޯލާއިއެކު މާޒިޔާގެ ކީޕަރު މައުރޯ، ޑިފެންޑަރ މިލޯސް އަދި ގިނަ ކުޅުންތެރިންނާއި ބެންޗުން ރެފްރީގެ ނިންމުމަށް ހިތްހަމަނުޖެހުން ފާޅުކުރަމުން ގެންދިޔައެވެ. ޓީސީން ފަހަތުން އަރާ މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު ޖަހައިދިނީ މެޗުގެ ބަދަލްކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް އަހުމަދު އާރިފެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނީ ދެވަނަ ހާފުގައި ޓީސީއަށް ލިބުނު ޕެނަލްޓީގެ ސަބަބުން އެޓީމްގެ ކުޅުމަށް ބޮޑު އަސަރުތަކެއްކުރިކަމަށެވެ. މިއީ އެޓީމަށް ތިން ޕޮއިންޓް ހައްގު މެޗެއްކަމަށާއި، ދެ ލަނޑުގެ ލީޑަކާއިއެކު އޮވެ މެޗުން މޮޅު ނުވެވުމަކީ މާޔޫސްކަމެއްކަމަށް އޭނާ ބުންޏެވެ.

"މިއީ މޮޅުވެވެންޖެހޭ މެޗެއް. ކުޅުންތެރިން މަސައްކަތްކުރި. ތިން ޕޮއިންޓް ހައްގު މެޗެއް މިއީ. މި ކަހަލަ ޕްރެޝަރު މެޗެއްގައި ޓީމަކަށް ޕެނަލްޓީއެއް ލިބިފައި. ގޯލްކީޕަރު އެ ޕެނަލްޓީ މަތަކޮށްފައި. އަދި ދެ ވަނަ ފަހަރަށް އެ ޕެނަލްޓީ ޖައްސުވާފައި މި ކަހަލަ ކަންތައް ވާނަމަ ކުޅުންތެރިންގެ ވިސްނުމަށް ބަދަލު އަންނާނެ. ދެން ނިމުންއިރު ހަތަރު މިނިޓް ދެއްކީ އެކަމު ތިން މިނިޓް ފަނަރަ ސިކުންތުން ނިންމާލީ." އިންމަ ބުންޏެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ މާޒިޔާއިން ޖެހި ފުރަތަމަ ގޯލާއި ހަމައަށް ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، އެ ގޯލާއިއެކު ކުޅުން ދަށްވިކަމަށް. އެކަމަކު ފަހަތުން އަރާ ދެ ގޯލް ޖަހައި ހޯދި ޕޮއިންޓާއި މެދު ހިތްހަމަޖެހޭކަން އޭނާ ފާހަގަކުރިއެވެ.

"ފޯރިގަދަ ފުޓްބޯޅަ މެޗަކުން ފެންނަން ޖެހޭ ހުރިހާ ކަމެއް މި މެޗުގައި ފެނުނު. ނަތީޖާ މިކަހަލަ ގޮތަކަށް ދިޔައީމަ ވަރަށް ހިތްހަމަ ޖެހޭ. ގާތްގަނޑަކަށް އަތުން އެއްކޮށް ގެއްލިފައި އޮތް މެޗެއް މިއީ" ނިޒާމްބެ ބުންޏެވެ.

މި ނަތީޖާއާއިއެކު ތާވަލްގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓާއި ދެމެދު އޮތް ފަރަގު ކުޑަކުރުމުގެ ފުރުސަތު މާޒިޔާއަށްވަނީ ގެއްލިފައެވެ. ދެ ޓީމްގެ ދެމެދުގައި މިހާރު ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މި މެޗުން ލިބުނު ޕޮއިންޓާއިއެކު ޓީސީވަނީ ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ. ތާވަލްގެ ތިންވަނައިގައި އޮތް އީގަލްސް، ހަތަރުވަނައިގައި އޮތް ޓީސީ އަދި ފަސްވަނައިގައި އޮތް ވިކްޓްރީއަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ދެވަނައިގައި މާޒިޔާ އޮތީ 17 ޕޮއިންޓާއިއެކުގައެވެ.