މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.2 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާއިން އާންމުކޮށްފައިވާ އެޕްރީލް މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެއިދާރާއަށް ލިބުނު 1.2 ބިލިއަން ރުފިޔާއަކީ އެމަހު ލިބޭނެކަމަށް ލަފާކުރި މިންވަރަށްވުރެ 1.6 އިންސައްތައިގެ އިތުރުއަދަދެކެވެ. އަދި މިއީ އޭގެކުރީ މަހާއި އަޅާބަލާއިރު 2.8 އިންސައްތައިގެ ކުރިއެރުމެއްކަމަށް މީރާއިން ބުނެއެވެ.
މީރާއަށް މިދިޔަމަހު ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، ޓީޖީއެސްޓީ ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ލިބުނު ފައިސާގެ އަދަދު އިތުރުވުމުންކަމަށް އެ އިދާރާއިން ބުނެއެވެ.
މިދިޔަ މަހު ދައުލަތުގެ މަލީ އިދާރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ 64 އިންސައްތައާއިއެކު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ.