ޚަބަރު

ފުވައްމުލައް ސިޓީން ރައީސްގެ އަނބިކަނބަލުންނަށް ޙޫނު މަރުޙަބާއެއް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން އެ ސިޓީން އެކަމަނާއަށް ހޫނު މަރުހަބާއެެއް ކިޔައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ފުވައްމުލައް ސިޓީއަށް މިއަދު ވަޑައިގަތުމުން ކުދިބޮޑު ހުރިހާ އުމުރުފުރާއެއް ހިމެނޭހެން 2000 އަށްވުރެ ގިނަ މީހުން އެކަމަނާއަށް މަރުޙަބާ ކިޔުމަށް ފުވައްމުލައް އެއަރޕޯޓް ސަރަޙައްދަށް ނުކުމެފައިވެއެވެ. އެކަމަނާވަނީ އެ ސަރަޙައްދަށް ޖަމާވި އާއްމުންނަށް ބައްދަލުކުރައްވާ އެފަރާތްތަކާއި ސަލާމްކުރައްވާފައެވެ. އަދި ރައްޔިތުންގެ ބޭނުންވާ ކަންކަން ސާފުކުރައްވާ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތުވެސް ވަނީ ސާފުކުރައްވާފައެވެ.

އެންމެ ގާތުން ކެމްޕެއިންގެ ދަށުން 4 ދުވަހުގެ މުއްދަތަކަށް ފުވައްމުލައް ސިޓީއަށް ރައީސްގެ އަނބިކަނބަލުން ކުރައްވާ މި ދަތުރުފުޅުގައި އެ ސިޓީގެ ވަކި ވަކި އަވަށްތަކުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އިސްރަށްވެހިންނާއި، އަންހެން ކަނބަލުންނާއި، ޒުވާނުންގެ އިތުރުން، ޕީ.ޕީ.އެމްގެ ކޯރ ޓީމް އަދި އެޕާޓީގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ފުވައްމުލައް ސިޓީގެ އެކި އަވަށްއަވަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މިމަހުގެ 4 ވާ ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި "އަފުން ރައީސް ޔާމީން އާ އެއްކޮހޮ" މި ނަމުގައި ޕީ.ޕީ.އެމުން ބާއްވާ ޙާއްސަ ޖަލްސާއެއްގައިވެސް އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެންމެ ގާތުން ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން 2017 ވަނަ އަހަރު ފަށްޓަވާފައިވާ ކެމްޕެއިނެކެވެ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއ މީހުންގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންނާއި، އަންހެނުންގެ ދާއިރާއިން ދިމާވެފައިވާ މައްސަލަތައް ގާތުން ބައްލަވައި އެކަންކަން ޙައްލުކުރެއްވުމަށް ހިންގަވާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން އެކަމަނާ ދާދިފަހުން ވަނީ ތ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ޒިޔާރާތްކުރައްވާފައެވެ.