ޚަބަރު

އައިޖީއެމްއެޗްގައި އުފަންވާކުދިންގެ ހިތުގައި މައްސަލައެއް ހުރިތޯ އަންނަ މަހުގެ 1 ފެށިގެން ސްކްރީން ކުރަނީ


އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗްގައި އުފަންވާކުދިންގެ ހިތުގައި މައްސަލައެއް ހުރިތޯ ބަލަންފަށާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އަލަށް އުފަންވާ ކުދިން ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ހިތުގައި އެއްވެސް މައްސަލައެއް އުޅޭތޯ ދެނެގަތުމުގެ ގޮތުން ހަދާ ސްކޭންއަށް އަހުލުވެރިކުރުމުގެ ގޮތުން އެ ހޮސްޕިޓަލްގައި އެއް ދުވަހުގެ މުއްދަތަކަށް ތަމްރީން ޕްރޮގުރާމެއްވެސް ވަނީ ހިންގާފައެވެ. މި ޕްރޮގްރާމުގައި 5 ހޮސްޕިޓަލަކުން 65 މަންދޫބުން ބައިވެރިވިއެވެ.

ތުއްތުކުދިން އުފަންވާއިރު ހިތުގައި އެއްވެސް މައްސަލައެއް ހުރިތޯ ދެނެގަތުމުގެ ގޮތުން އައިޖީއެމްއެޗްއިން ކުރިއަށްގެންދިޔަ މި ތަމުރީން ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޑަބްލިއު އެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ މަންދޫބު އަރުވިންދު މާތުރެވެ. އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގުރާމްގައި އައިޖީއެމްއެޗް އާއި، އޭޑީކޭ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުން 65 ފަރާތަކުން ބައިވެރިވެފައެވެ.
އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރުގައި މަސައްކަތްކުރާ ކުޑަކުދިންގެ ހިތުގެ ޑޮކްޓަރ ޑރ.އައިޝަތު އެލީނާ ވިދާޅުވީ، ހިތުގެ ބޮޑެތި މައްސަލަތަކުގައި ފުރަތަމަ ދެތިން ދުވަހު ބޭރުފުށުން އެއްވެސް އުނިކަމެއް ނުފެންނާނެކަމަށެވެ. ބަނޑުގައި އޮންނައިރު ތުއްތު ކުއްޖާގެ ހިތް މަސައްކަތްކުރާ ގޮތާއި ވިހެއުމަށްފަހު އެކުދިންގެ ހިތް މަސައްކަތްކުރާ ގޮތް ތަފާތުވާނެކަމަށާއި ތުއްތު ކުއްޖާ ގެއަށް ފޮނުވާލާނީ އެ ކުއްޖާގެ ސްކޭންތައް ހެދުމަށްފަހު އެއްވެސް އުނިކަމެއް ހިތުގައި އުޅޭތޯ ޔަޤީންކުރުމަށްފަހުގައިކަމަށް ޑރ އެލީނާ ވިދާޅުވިއެވެ.

"ލަންގްސް އެކްސްޕޭންޑް ވުމާއިއެއްކޮށް، ހިތުގަ ހުންނާނެ އާންމުކޮށް ހުންނަންޖެހޭ 2 ލޯވަޅެއް. ހަމަ ހުރިހާ ކުދިންގެވެސް ހުންނަންޖެހޭ 2 ތަންކޮޅުއެއީ. ވިހެއުމަށްފަހުގަ ކުއްޖާގެ ފުއްޕާމޭ ރަނގަޅަށް ވޯކްކުރަންފެށީމަ 2 ތަންކޮޅު ލެއްޕިގެންދޭ. ގުދުރަތުން އަމިއްލައަށް ބަންދުވެގެންދާންޖެހޭ ތަންކޮޅުއެއީ. އެހެންވީމަ އެކުދިންނަކަށް ސަވައިވްއެއް ނުވެވޭ. އެހެންވެގެން މިކަހަލަކަމެއް ހުރިތޯ ނޫންތޯ ދެނެގަންނަންވެގެން އަޅުގަނޑުމެން ހަދާ ސްކްރީނެއްމީ."

ޑރ. އައިޝަތު އެލީނާ ވިދާޅުވިއެވެ.

ދުނިޔޭގެ ވަރަށް ގިނަ ހޮސްޕިޓަލްތަކުގައި މިހާރުވެސް މި ސްކްރީން އަންނަނީ ކުރެވެމުން. މި ތަމުރީންގައި ބައިވެރިވި ބައެއް ބައިވެރިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްސާކުރަމުން ބުނީ މިއީ ވަރަށް މުހިންމު ތަމްރީން ޕްރޮގުރާމެއްކަމަށެވެ. އަދި މިފަދަ ތަމުރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އުފާކުރާކަމަށެވެ. މިމަހުގެ 1 ވަނަ ދުވަހު އައިޖީއެމްއެޗްގައި މި ސްކްރީން ފަށާއިރު، މި ސްކްރީނިންގ އަތޮޅުތަކުގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ފެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އައިޖީއެމްއެޗްއިން ބުނެއެވެ.