ޚަބަރު

3 ޕޮއިންޓްގެ ލީޑަކާއިއެކު ނިއު ފުރަތަމަ ބުރު ނިންމާލައިފި


ތިން ޕޮއިންޓްގެ ލީޑަކާއިއެކު ނިއުރޭޑިއަންޓް މާލޭ ލީގުގެ ފުރަތަމަ ބުރު ނިންމާލައިފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ނިއުރޭޑިއަންޓާއި ކުލަބް ވެލެންސިޔާ މިއަދު ހަވީރު ވާދަކުރި މެޗު ނިއުއިން ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ.

މެޗުގައި ނިއުގެ ދެ ގޯލްވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އަލީ ފާސިރު ނަގައިދިން ހުރަހަކުން ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރިހާމް އަބްދުލްޣަނީއެވެ. ދެވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން އަލީ އަޝްފާގެވެ.

މި މޮޅާއިއެކު ނިއުވަނީ ލީގް ތާވަލްގެ އެއްވަނައިގައި އޮވެ ފުރަތަމަ ބުރު ނިންމާލާފައެވެ. އެޓީމް އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުން ހޯދި 16 ޕޮއިންޓާއިއެކުގައެވެ. ތާވަލްގެ ދެވަނަގައި އޮތް މާޒިޔާއަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.

މެޗަށްފަހު ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރުޒޮން ބުނީ މެޗުން މުހިންމުވީ މޮޅެއްކަމަށާއި، އެކަން ކުރެވިއްޖެކަމަށެވެ. ގިނަ ގޯލްތަކެއް ޖަހަން ބޭނުންވިނަމަވެސް ވެލެންސިޔާއިން ދެވަނަ ހާފުގައި ދެއްކި ކުޅުމަށް ތައުރީފް ހައްގުކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އޭއެފްސީ ކަޕްގެ މުހިންމު މެޗެއް ކުރިއަށް އޮތުމުން މެޗުގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ރެސްޓް ދެވުނުކަމަށާއި، ލީގުގެ ފުރަތަމަ ބުރު ރަނގަޅު ލީޑަކާއިއެކު ނިންމާލެވުމަކީ ހިތްހަމަޖެހުމެއްކަމަށެވެ.

"ބޭނުންވީ ތިން ޕޮއިންޓް، ރަނގަޅު ލީޑެއް ލިބުނީމަ މުހިންމު ކުޅުންތެރިން ބަދަލްކުރީވެސް. މިހާރު ވިސްނުންހުރީ ދެ ދުވަސް ފަހުން އޮތް މުހިންމު މެޗަށް." އޮސްކާ ބުންޏެވެ.

ވެލެންސިޔާގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ މި މެޗަކީ ދެވަނަ ބުރަށް ތައްޔާރުވާން ވެލެންސިޔާއިން ކުޅުނު މެޗެއްކަމަށެވެ. ދެވަނަ ބުރުގައި ނަތީޖާ ރަނގަޅުކުރުމަށް ވެލެންސިޔާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އޭނާ ފާހަގަކުރިއެވެ.

"މި މެޗަކީ ވެލެންސިޔާ ދެވަނަ ބުރަށް ތައްޔާރުވާން ކުޅުނު މެޗެއް. ތަމްރީންތައްވެސް ބަދަލްކޮށްލައިން މިހާރު ކުރިއަށް މިގެންދަނީ، ދެވަނަ ބުރުގައި ޓީމް ރަނގަޅުވާނެ" ލައްޗޭ ބުންޏެވެ.