ޚަބަރު

ތުލުސްދޫގެ ތަރައްޤީއަށް ހަސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ


ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި މާލެއަތޮޅު ތުލުސްދޫގެ ތަރައްޤީއަށް ސަރުކާރުން ހަސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށާ އަދިވެސް ތަރައްޤީގެ ގިނަ މަޝްރޫތަކެއް ސަރުކާރުން ތުލުސްދޫއަށް ގެންނާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓު އެންޑް އެނާރޖީ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މާލެއަތޮޅު ތުލުސްދޫގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރަހީމެވެ.
މިއީ އެކަށީގެންވާ ބޯފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހިންގާ މަޝްރޫއެކެވެ. ތުލުސްދޫގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މަޖިލިސް މެންބަރުންނާއި މިނިސްޓްރީގެ އިސްއޮފިޝަލުން ބައިވެރިވެފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤްވަނީ ތުލުސްދޫއަކީ ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ރަށެއްކަން ފާހަގަކޮށްފައެވެ.

"މިޕްރޮޖެކްޓާއެކު ތުލުސްދޫއަށް މިހާތަނަށް 605.5 މިލިއަން ރުދިޔާ ހަރަދުކޮށްފައިވޭ. ބައްލަވާ ރާއްޖޭގެ އެހެން ރަށެއްގައި މިފަދަ ބޮޑު ހަރަދެއް ތަރައްޤީއަށް އެއް ރަށަކަށްކޮށްފައިވޭތޯ. މިސަރުކާރުގައި ބޮޑެތި މަޝްރޫތަކެއް މިރަށުގައި ހިންގާފައިވޭ. ނަރުދަމާ މަޝްރޫއަކީވެސް ބޮޑު މަޝްރޫއެއް. އެހެން ތަރައްޤީގެ މަޝްރޫތަކާ ގުޅިފައިވާ ބޮޑު މަޝްރޫއެއް."

މިނިސްޓަރު ޠާރިޤު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތުލުސްދޫ ކައުންސިލްގެ ރައީސް އަޙްމަދު އަނީސް ވަނީ މިހާރުގެ ސަރުކާރަކީ ތުލުސްދޫއަށް ގިނަ މަޝްރޫތަކެއް ގެނެސްދިން ސަރުކާރެއްކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

ތުލުސްދޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީއިން، ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 46.8 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫޢަށް ފައިސާ ހަމަޖެހުމަށްފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގް އެޖެންސީ ގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިންނެވެ. މިގޮތުން މި މަޝްރޫޢުގެ ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮންސަލްޓަންޓުންނާއި ޙަވާލު ކުރެވިފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 468 ދުވަހެވެ.

މިމަޝްރޫޢުގެ ދަށުން ކ.ތުލުސްދޫގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއިއެކު މި ނިޒާމު ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އެއް ޤާއިމުކުރުން ހިމެނެއެވެ.