ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބެއްލެވުމުގެދަށުން އެމް.އެން.ޑީ.އެފްގެ ހިންގުން ކުރިއަށްވުރެ އެތައް ގުނައެއް މިހާރު ހަރުދަނާވެ ކުރިއަރާފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް މިހެން ވިދާޅުވީ އެމް.އެން.ޑީ.އެފްގެ މާލޭ އޭރިޔާގެ ހުޅުލޭ ފޯސްޓުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަދަމުންނެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ މާލޭ އޭރިޔާ ހުޅުލޭ ފޯސްޓުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފު އުމަރެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބެއްލެވުމުގެދަށުން މި ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހި ސިފައިންގެ ޚިދުމަތަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ދިވެހި ސިފައިންގެ މުވައްސަސާގެ ކުލަ ފަނޑުވަމުންދަނިކޮށް އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން ސިފައިންގެ މުވައްސަސާ ހަރުދަނާކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. އަދި ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަންސް ތަކުގައި ސިފައިންގެ އެންމެ މަތީވެރިއާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފުރިހަމަ އިރުޝާދު އަބަދުވެސް ލިބެމުންދާކަމަށެވެ.
"ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ކުރީގައި ސިފައިން ސާބިތުވެ ތިބެ، މިޤައުމު ސަލާމަތްކުރާނެކަންވެސް އަޅުގަނޑުމެންގެ އަމަލުން އޮންނާނީ ދައްކުވައިދީފަ. އަޅުގަނޑު މިއަދު ދިވެހި އެންމެހާ ރައްޔިތުންނަށް ޔަޤީންކަންދޭން ބޭނުންވަނީ، މިޤައުމަށް ދިމާވާ އެއްވެސް ބޮޑުކަމެއްގައި، އެއީ އުދުވާނެއްކަމުގައިވިޔަސް، އަދި ގުދުރަތީ ކާރިސާއެއްކަމުގައިވިޔަސް، އެތެރޭން ވިޔަސް ބޭރުން ވިޔަސް މިޤައުމަށް އަންނަ ކޮންމެ ނުރައްކަލަކަށް އަޅުގަނޑުމެން ކުރިމަތިލާނަމޭ. އަދި މިޤައުމު ސަލާމަތްކަމާ ސުލްހަމަސްލަސްކަން މަތީ އޮތުން އެއީ އަޅުގަނޑުމެންގެ ފުރަތަމަ ޕްރަޔޯރިޓީ." ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ސިފައިންގެ ޚިދުމަތުގެ މުހިންމުކަން ފާހަގަކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ރާއްޖޭގެ މުހިންމު ތަންތަން ރައްކާތެރި ކުރުމަކީ ސިފައިންގެ މައްޗަށް ލާޒިމްކަމެއްކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންނާއި އެފަދަ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންއެންޑީއެފުން ވީ އެންމެ ފުރިހަމައަކަށް ހަރަކާތްތެރިވާނެކަމަށެވެ. އަދި ރާއްޖޭގެ މުހިންމު ތަންތަން ހުންނަ ސަރަހައްދުތަކުގައި އެމްއެންޑީއެފްގެ ޕޯސްޓްތައް ޤާއިމްކުރަމުންދާނެކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ މައި ދޮރާށި ހުންނަށް ޖެހޭނީ ރަގަނޅަށް ބެލެހެއްޓޭ ގޮތައް. ރާއްޖޭގެ މުހިންމު ސަރަހައްދުތައް ހުންނަން ޖެހޭނީ އެމްއެންޑީއެފްއަށް ބެލެހެއްޓޭ ގޮތައް. އެއީ އެތަންތަނުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަކީ ސިފައިންނަށް މަތިކުރެވިފައިވާކަމެއްކަމުން. އެހެންވީމަ އެގޮތުން ރާއްޖޭގެ އެންމެ މުހިންމު ސްޓްރެޓެޖިކް ޕޮއިންޓު ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަޅުގަނޑުމެން ދިވެހި ސިފައިން ޤާއިމްވެ ތިބުމަކީ ހުރިހާ ގޮތަކުންވެސް ވަރަށް މުހިންމުކަމެއް. މިއެއަރޕޯޓުގައި ދިމާވެދާނެ ކޮންމެ ކަމަކަށް ސިފައިން ތިބޭނީ ތައްޔާރަށް." ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ހުޅުލޭގައި މިހާރުވެސް އެމްއެންޑީއެފްގެ ޕޯސްޓެއް ޤާއިމްކޮށްފައިހުރެއެވެ. ނަމަވެސް އެއަރޕޯޓުގެ އާ ރަންވޭ ތަރައްޤީކުރުމަށް ހިންގާ މަޝްރޫގެ ދަށުން މިތަން މިހާރު މިވަނީ ރީލޮކޭޓްކުރަން ޖެހިފައެވެ. މިޕޯސްޓު ރީލޮކޭޓުކުރުމުގެ މަޝްރޫ ކުރިޔަށް ގެންދަނީ ބެއިޖިން އާރބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ މާލޭ އޭރިޔާ ހުޅުލޭ ފޯސްޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާއާއި އެމްއެންޑީއެފްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.