ކުޅިވަރު

ވަޅުގަނޑެއްގައި އޮތް ދެޓީމް ފަހު ފުރުޞަތަށް ނިކުންނަނީ!


ވެލެންސިޔާ އަދި ގްރީންވެސް މިވަގުތު މިއޮތީ ވަޅުގަނޑެއްގައިކަމަށް ގްރީންގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ކުލަބް ވެލެންސިޔާއާއި ގްރީން ސްޓްރީޓްސް ވާދަކުރާ މެޗުގެ މުހިންމުކަން ފާހަގަކުރަމުން ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ ދެ ޓީމުވެސް އޮތީ ނާޒުކު ހިސާބެއްގައިކަމަށެވެ. މާލޭ ލީގުގެ ފުލަށްދާ ޓީމް ރެލިގޭޓުވުމަކީ މި މެޗަށް ނިކުންނައިރު ދެ ޓީމަށްވެސް އޮތް ޕްރެޝަރެއްކަމަށް ސުޒޭން ބުންޏެވެ. ސުޒޭން ބުނީ ގަދަ ހަޔަކަށް ވަނުމަށް ކުރާ މަސައްކަތަށް ހިތްވަރެއް ލިބެން އޮތީ މި މެޗު ކާމިޔާބުކޮށް, ލީގުގެ ކުރީގައި އޮތް ޓީމްތަކާއި ގާތްކޮށްލެވިގެންކަމަށާއި، އެހެންކަމުން މި މެޗުގެ މުހިންމުކަން އިންތިހާއަށް ބޮޑުކަމަށެވެ.
ސަސްޕެންޝަނުގެ ސަބަބުން މިދިޔަ މެޗުގައި ނުކުޅެވުނު ސައިފްއާއި އިލިއާއަށް މި މެޗުގައި ކުޅެވުމަކީ ހިތްހަމަޖެހުމެއްކަމަށާއި، އެ ކުޅުންތެރިން ގުޅުމުން ޓީމް މާ ބޮޑަށްވެސް އޯގަނައިޒްވާނެކަމަށް ކޯޗު ސުޒޭން ފާހަގަކުރިއެވެ.

"ދެ ޓީމްވެސް އެއް ހާލަތެއްގައި މިއޮތީ، މޮޅުވުން މަޖޫބޫރު ހިސާބެއްގައި. ފުލަށްދާ ޓީމް ރެލިގޭޓްވުމަކީ އިތުރު ޕްރެޝަރެއް. ގްރީނުން މެޗު ވަރަށް ސީރިއަސްކޮށް ނަގައިގެން މޮޅުވާން މި ނިކުންނަނީ. އެއީ ދެވަނަ ބުރަށް ދާއިރު، އެހެން ޓީމްތަކާއި ވާދަކުރެވޭ ހިސާބެއްގައި އޮތުން ވަރަށް މުހިންމު." ސުޒޭން ބުންޏެވެ.

ކުލަބު ވެލެންސިޔާގެ ކޯޗު ސޮބާހު މުޙައްމަދު ބުނީ މޮޅެއް ނުހޯދި ގިނަ މެޗުތަކެއް ދިޔުމުން ކުޅުންތެރިން މޯރަލީވެސް ދަށްވެފައިވާކަމަށާއި، މޮޅެއް ހޯދުން މުހިންމުކަމަށެވެ. ސޮބާ ބުނީ މިހާތަނަށް ކޮންމެ މެޗަކީ ފައިނަލެއްކަމަށް ބުނެ މެޗަށް ނިކުތްނަމަވެސް މާދަމާގެ މެޗަކީ ފައިނަލެއް ނޫންކަމަށެވެ.
މާލޭ ލީގުގެ ފުލުގައި އޮތް ދެ ޓީމްގެ ކުރިމަތިލުމަށް އިޝާރާތްކޮށް ސޮބާ ބުނީ މާދަމާގެ މެޗަކީ ސީޒަން ސަލާމަތްކުރުމަށް އޮތް ފަހު ފުރުސަތުކަމަށާއި، މެޗުން މޮޅުވުމަށް ޓީމް ގަދައަޅައި މަސައްކަތްކުރާނެކަމަށެވެ. ސޮބާ ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ޓީމުން ދެއްކި ކުޅުން ވަރަށް ރަނގަޅުކަމަށާއި، އެއީ މި މެޗަށް ނިކުންނައިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށެވެ.

"ކޮންމެ މެޗަކަށް އަހަރުމެން މި ނިކުންނަނީ ފައިނަލެކޭ ކިޔާފަ. މިއީ ފައިނަލަކަށްވުރެ ބޮޑަށް ފަހު ފުރުސަތުގެ ގޮތުގައި ބަލަނީ. އެބަޖެހޭ މެޗަކުން މޮޅު ނުވުމުގެ ސިލްސިލާއަށް ނިމުމެއް ގެންނަން. ކުޅުންތެރިންވެސް މޯރަލީ ޑައުންވެފައި ތިބެނީ މެޗަކުން މޮޅު ނުވާތީ" ޞޮބާ ބުންޏެވެ.