ދިވެހި ރާއްޖެއާއި ފިލިޕީންސްއާ ދެޤައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމާބެހޭ މަޝްވަރާތައް ދެޤައުމުގެ މެދުގައި ބާއްވައިފިއެވެ.
މިމަޝްވަރާތައް ބާއްވާފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއާ ޕިލިޕީންސް ސިވިލް އެރޯނޯޓިކްސް ބޯޑާ ދެމެދު މެނީލާގައި ކުރިޔަށް ދިޔަ ބައްދަލްވުމެއްގައެވެ. މިބައްދަލްވުމުގައި ބައިވެރިވި ރާއްޖޭގެ ޑެލިގޭޝަން ލީޑްކުރައްވާފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއަރމަން އިބްރާހީމް ފައިސަލެވެ. އަދި ފިލިޕީންސްގެ ޑެލިގޭޝަން ލީޑްކުރެއްވީ އެޤައުމުގެ ފޮރއިން އެފެއަރޒް ޑިޕާޓްމަންޓުގެ އެސިސްޓަންޓު ސެކެރެޓަރީ ލިއޯ.އެމް ހެރޭރާއެވެ.
މިމަޝްވަރާތަކުގައި ދެޤައުމުގެ އޮފިޝަލުންވެސްވަނީ އެކި ބޭނުންތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފިލިޕީންސް ރައްޔިތުންގެ ޢަދަދު އިތުރުވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާ ފިލިޕީންސްއާ ދެމެދު ސީދާ ވައިގެ ދަތުރުތައްފަށުމުން ދެޤައުމުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާ ވާނެކަމަށް މިބައްދަލުވުމުގެ ބައިވެރިން އިއްތިފާގުވިއެވެ. ފިލިޕީންސްއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ފެށުމާބެހޭ ދެލިކޮޕީއެއްވެސް މިބައްދަލުވުމުގައި ވަނީ އެކުލާވާލާފައެވެ.
ދެޤައުމުގެ ދެމެދުގައި އެކުލަވާލާ އެއްބަސްވުމުގައި ވައިގެ ދަތުރުތައްކުރަން ޝައުޤުވެރިވާ އެއަރލައިންތައް ހޯދުމަށްވެސް ކަޑައަޅާފައިވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު އެކަނިވެސް ފިލިޕީންސްއިން ރާއްޖެއަށް ދިހަ ހާސް މީހުން ދަތުރުކޮށްފައިވެއެވެ.