ށ.ކޮމަންޑޫ ބިންހިއްކުމުގެ މަޝްރޫޢު ނިމިއްޖެއެވެ. ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިންނެވެ. ށ ކޮމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށު ފަޅުތެރެއިން 10 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. ކޮމަންޑޫއަކީ ބިމުގެ ގޮތުން ހަތް ހެކްޓަރުގެ ރަށެއް ނަމަވެސް ހިއްކި ބިމާއިއެކު އެރަށުގެ ބިމުގެ ޖާގަަވަނީ 17 ހެކްޓަރަށް ތަނަވަސްވެފައެވެ.
އެމްޓީޓީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޚުޝާމް ވިދާޅުވީ ކޮމަންޑޫ ބިންހިކުމަށް މަހާ ޖައްރާފުން ޖަމާކުރަންޖެހޭ ފަސް ޖަމާކޮށް ބިންހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. ނަމަވެސް ފަސްގަނޑު ހިފެހެއްޓުމަށްޓަކައި ޖަހާ ރިވެޓްމަންޓް ޖެހުމުގެ ބައެއް މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެގޮތުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތޭރޭގައި ރިވެޓްމަންޓްޖެހުމުގެ މަސައްކަތް ނިންމައި ކޮމަންޑޫގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމާލެވޭނެކަމަށް ހުޝާމު ވިދާޅުވިއެވެ.
ޚުޝާމް ވިދާޅުވީ ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު މަހާޖައްރާފު ދެން ދަތުރުކުރާނީ ތިލަފުށިން ބިން ހިއްކުމަށްކަމަށެވެ. ތިލަފުށިން ބިން ހިއްކައި އިތުރުކުރުމަށް ނިންމާފައިވާނީ ގްރޭޓަރ މާލޭ ރީޖަންގެ ކުނި މެނޭޖުކުރާ ސެންޓަރު ޤާއިމުކުރުމަށެވެ.
ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތްފަށާފައިވަނީ 2012ވަނަ އަހަރުއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެ މަސައްކަތް އަލުން ފެށީ މި ސަރުކާރުންނެވެ. އެގޮތުން އެމްޓީސީސީ އާއި އެ މަސައްކަތް ހަވާލުކޮށް ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިމަހުގެ 5ވަނަ ދުވަހުއެވެ. އެމްޓީސީސީން މި މަސައްކަތް ފުރިހަމަ ކޮށްފައިވަނީ 10 ދުވަހުންނެވެ.
ސަރުކާރުން މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ހައުސިންގ މަޝްރޫޢުގެ ދަށުން ށ.ކޮމަންޑޫގައި 50 ހައުސިނގް ޔުނިޓް އެޅުމަށްވަނީ ހިމަނާފައެވެ. މި މަޝްރޫޢުއަކީ ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުއެކެވެ.