ސިވިލް ސާރވިސްގެ ޕާރފޯމަންސް އެޕްރައިޒަސް ސިސްޓަމް މިހާރު އޮތްގޮތަށް އޮވެގެން އެންމެ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އޭނާ މިގެން ވިދާޅުވީ 3 ވަނަ ސިވިލް ސާރވިސް ކޮންޕަރެންސް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ސިވިލް ސާރވިސް ކޮމިޝަނުން ބޭއްވި 3 ވަނަ ސިވިލް ސާރވިސް ކޮންޕަރެންސް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ސިވިލް ސާރވަންޓުންގެ ކުރިއެރުން ވަޒަންކުރުމަށް ފުރަމުންގެންދާ އެޕްރައިޒަލް ފުރާގޮތް ބަދަލުކޮށްގެންނޫނީ އެންމެ ރަނގަޅު ނަތީޖާ ހާސިލް ނުކުރެވޭނެކަމަށެވެ. އަދި ސިވިސް ސާރވިސް ކޮމިޝަނުން މިކަމާމެދު ވިސްނާ އިތުރު ގޮތްތަކެއް ހޯދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، މި ކޮންފަރެންސްގައި މަޝްވަރާކުރި ކަންކަމަކީ އެކަމުގެ ނަތީޖާ ފެނިގެންދާނެ ކަންތައްތައް ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ.
މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމު ވިދާޅުވީ މިފަހަރުގެ ކޮންފަރެންސްގެ ނަތީޖާއަށް ބަލައި ދެންއޮންނަ ސިވިލް ސަރވިސް ކޮންފަރެންސަށް އިތުރު ފިލާވަޅުތަކެއް ލިބިފައިވާކަމަށެވެ. މިގޮތުން މި ކޮންފަރެންސްއިން ލިބުނު އެންމެބޮޑު ފިލާވަޅަކީ ކަންކަން ހިންގުމުގައި ދަތިތަކާއި ހުރަސްތައް ހުރި ނަމަވެސް އީޖާދީ އަދި އީޖާބީގޮތްތައް ހޯދައިގެން ކުރިޔަށްދެވޭނެކަން ދެނެގަނެވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވިއެވެ.
2 ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ކުރިއަށދިޔަ މި ކޮންފަރެންސްގައި ވަނީ ސިވިލް ސަރވިސް އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ޖުމްލަ 11 ދިރާސާ ކަރުދާހެއް ހުށަހަޅާފައެވެ. މީގެ އިތުރުން ކީނޯޓް ސްޕީކަރުންގެ ގޮތުގައި ރާއްޖެއާ ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ހުށަހެޅުންތައް ވެސް ކޮންފަރެންސްގައި ހުށައަޅާފައިވެއެވެ.
މި ކޮންފަރެންސްސަށް މި އަހަރު ކަނޑައަޅާފައިވާ ޝިޔާރަކީ "ރިފޯމިންގ އެންޑް މޮޑަނައިޒިންގ ސިވިލް ސަރވިސް" ނުވަތަ ސިވިލް ސަރވިސް އިސްލާޙްކޮށް ޒަމާނީކުރުމެވެ.
މި ޝިޔާރުގެ ދަށުން އިތުރު 4 ޝިޔާރަކަށް ނަޒަރު ހިންގައި މިޝިޔާރުތަކުގެ ދަށުން 10 ދިރާސާ ކަރުދާހެއް މި ކޮންފަރެންސައް ހުށަހަޅައި މަޝްވަރާ ކޮށްފައިވާކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ބުނެއެވެ.