ކުޅިވަރު

ކަންބޮޑުވުމަކީ އިންޑިވިޖުއަލް މިސްޓޭކްސް: މޯހަން


އަމިއްލައަށް ހެދޭ ގޯސްތަކުން ބައިކޮޅަށް ވަންނަ ގޯލްތަކަކީ މިހާރު އޭނާގެ އެންމެ ބޮޑު ކަންބޮޑުވުންކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކުލަބު އީގަލްސް ޔޫވީއާއި ދެކޮޅަށް ނިކުންނައިރު ކޯޗު މުޙަންމަދު ޝިޔާޒްގެ ކަންބޮޑުވުމަކީ ޓީމްގެ ޑިފެންސް ލައިނެވެ. މޯހަން ބުނީ ޑިފެންސް ރަނގަޅު ކުރުމަށް ޕްރެކްޓިސްގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި، ކޮންމެ ދުވަހަކުވެސް ފެންނަނީ އުއްމީދު ނުކުރާކަހަލަ ގޯސްތަކެއްކަމަށެވެ. އޭނާ ބުނީ ހަމައެކަނި ޑިފެންސްގައި ހެދޭ ގޯސްތައް ރަނގަޅު ކުރަން މަސައްކަތް ނުކުރާކަމަށާއި، ޓީމްގެ ބެލެންސް ހިފެހެއްޓޭތޯ ވަރަށް މަސައްކަތްކުރާކަމަށެވެ. އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ބަލިވެފައިވުމުން ޔޫވީގެ މައްޗަށް ކުރި ހޯދުން މުހިންމުކަން މޯހަން ފާހަގަކުރިއެވެ.

"ވަރަށް ބޮޑަށް ކަންބޮޑުވޭ ފަހަތުން ހަދާ މިސްޓޭކްތަކަށް. ޕްރެކްޓިސްގައި އެކަމަށް ތައްޔާރުނުވަނީއެއް ނޫން. މިއަދު އެއްކަމެއް ރަނގަޅަށްކޮށްފައި މާދަމާ އެހެން މިސްޓޭކެއް ހަދާތަން މިފެންނަނީ. އަނެއްކޮޅުން ސްކޯރިންގ ރަނގަޅުއިރު ބަލިވެފައި ހުރި މެޗުތަކުން ތަފާތަކަށްވެފައިވަނީ އެ މިސްޓޭކްތައް. މިހާރު ބޮޑަށް ފެންނަނީ ޓީމް މިސްޓޭކަށްވުރެ އިންޑިވިޖުއަލް މިސްޓޭކްސް." މޯހަން ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުޙައްމަދު ނަޒީހު ބުނީ އެންމެ ފަހުން އެޓީމް ކުޅުނު ތިން މެޗުގައި ހުރިހާކަމެއްވެސް ދިޔައީ ގޯސްކޮށްކަމަށެވެ. އީގަލްސް އެންމެ ފަހުން ކުޅުނު މެޗުގައިވެސް މޮޅަށް ކުޅުނުކަމަށާއި، ނަމަވެސް މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ. ނަޒީހު ބުނީ އީގަލްސްގެ ތަފާތަކީ މިޑްފިލްޑަރ މުޙައްމަދު އާރިފާއި، ފޯވާޑް އެޑުއާޑޯކަމަށެވެ. އެހެން ކުޅުންތެރިން ޔޫވީގެ ކުޅުންތެރިންނެކޭ ދާދި ހަމަހަމަކަމަށް ކޯޗު ބުންޏެވެ.

"އެންމެ ފަހުން ކުޅުނު ތިން މެޗުގައި ހުރިހާކަމެއްވެސް ގޯސްކޮށްދިޔައީ. ނަތީޖާވެސް، ކުޅުންވެސް ހުރިހާކަމެއްވެސް. އެކަމަކު މި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ ޔަގީންކަން ބޮޑު. ޓީމް އެވަރަށް ތައްޔާރުވެފައި މިއޮތީ" ނަޒީހު ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީއާއި އީގަލްސް ވާދަކުރާ މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.