"ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވެރިން ނުވަތަ އޮފީސްތަކުގެ ވެރިންނާމެދު ސާބިތު ނުހިފޭފަދަ ދޮގު ވާހަކަތައް އޮފީސްތަކާއި، މަލްޓި މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް އާންމުކޮށް ފާޅުކުރާ ބަޔަކަށް ސިވިލް ސާރވެންޓުން ވެގެންނުވާނެރައީސުލްޖުމްޙުރިއްޔާގެ ނާއިބު
ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާމެދު ސާބިތު ނުހިފޭ ދޮގު ވާހަކަތަށް ފަތުރާ ބަޔަކަށް ސިވިލް ސާރވިސް މުވައްޒަފުން ނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ދިވެހި ސިވިލް ސާރވިސްގެ ތިންވަނަ ކޮންފަރެންސް ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ސިވިލް ސާރވިސްގެ ތިންވަނަ ކޮންފަރެންސް ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ، ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭއަށް އައިސްފައިވާ ބަދަލުތަކުގެ އަސަރު ދިވެހި ސިވިލް ސާރވިސްގެ ތެރެއިންވެސް ފެންނަމުންދާކަމަށެވެ. ސިވިލް ސަރވިސް މުވައްޒަފުންނަކީ އެވަގުތަކު އޮތް ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ތިބި ބައެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ސިވިލް ސާރވިސް މުވައްޒަފުންނަކީ ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްދިނުމަށް ހުރަސްއަޅާ ބަޔަކަށް ވެގެންނުވާނެކަމަށެވެ. އެގޮތުން ތަފާތު ވިސްނުން ހުރި ރައްޔިތަކަށްވެސް ސަރުކާރުން ދޭންޖެހޭ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ފަސްނުޖެހި ދިނުމަށް ގޮވާލެއްވިއެވެ.
ސިޔާސީ ވިސްނުމެއްގެ ސަބަބުން ބައެއް މުވައްޒަފުންގެ މަސައްކަތުން އޭގެ ނޭދެވޭ އަސަރު ފެންކަން ފާހަގަކުރައްވަމުން ނާއިބު ރައީސް ޖިހާދު ވިދާޅުވީ، އޮފީސްތަކުގެ ތެރޭގައި ބައިބައިވުން އުފައްދާ މަސައްކަތުގެ މާހައުލު ކިލަނބުކޮށްލުމަށް މަސައްކަތްކުރާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ. އެހެންކަމުން އެ މުވައްޒަފެއްގެ ސުލޫކް ގަވާއިދުން މޮނިޓަރކޮށް އިސްލާހުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދައުލަތާއި ސަރުކާރުގެ ވެރިންނާމެދު ސާބިތު ނުހިފޭ ދޮގު ވާހަކަތައް އާންމު ތަންތަނުގައި ދައްކާ ބަޔަކަށް ސިވިލް ސާރވިސް މުވައްޒަފުން ނުވުމަށް ރައީށުލްޖުމްހޫރިްޔާގެ ނާއިބު އިލްތިމާސްކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވެރިން ނުވަތަ އޮފީސްތަކުގެ ވެރިންނާމެދު ސާބިތު ނުހިފޭފަދަ ދޮގު ވާހަކަތައް އޮފީސްތަކާއި، މަލްޓި މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް އާންމުކޮށް ފާޅުކުރާ ބަޔަކަށް ސިވިލް ސާރވެންޓުން ވެގެންނުވާނެ. އޮފީސް މާހައުލުގައި ހިނގާކަންކަން އޮފީސް ތެރެއިން ހައްލު ހޯދަންޖެހޭ. އަދި އާންމު ފޯރަމްތަކުގައި ހިއްސާކުރާ ކަންތައްތަކަށް ވެގެންނުވާނެ."
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދުގެ ވާހަކަފުޅުގައި ސިވިލް ސާރވިސްގެ ޚިދުމަތް ލިބިގަންނަ ރައްޔިތުންގެ ޝަކުވާތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރާނެ އިތުރު ގޮތްތަކެއް ހޯދަންޖެހޭކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މަސައްކަތަށް އެންމެ އެކަށޭނަ ހުނަރުވެރި އަދި އެންމެ ޤާބިލް ފަރާތްތަކަށް ވަޒީފާ ހަމަޖެހެންޖެހޭކަމަށެވެ. އެކަމުގެ ސަބަބުން މަސައްކަތުގެ ފެންވަރު ރަނގަޅުވާނެކަމަށާއި ޒަމާނާ އެއްގޮތަށް އޮފީސްތަކަށް ރައްޔިތުން ނުގޮސް ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތް ދިނުމަށް އިސްކަންދިނުމަށްވެސް ޖިހާދު ގޮވާލެއްވިއެވެ.
"ޤާބިލް މަސައްކަތްކުރާ ހިތްވާ މުވައްޒަފުން ވަޒީފާއަށް އައްޔަން ކުރެވި ގެންނޫނީ މަސައްކަތުގެ ފެންވަރު ރަނގަޅުވެގެންނެއް ނުދާނެ. ތިމާގެ އާއިލާގެ މީހަކަށް ނުވަތަ ތިމާގެ ރައްޓެއްސަކަށްވީމަ ވަޒީފާ ދިނުމުގައި އިސްކަންދޭނެ އުސޫލެއް މިހާރު ހަމަޖެހިފައެއް ނޯވޭ. ސިވިލް ސާރވިސް މުވައްޒަފުން ރެކްރޫޓްކުރުމުގައި ޢަމަލުކުރަމުންދާ މެރިޓް ބޭސްޑް ރެކްރޫޓްމަންޓް ނިޒާމްގެ ބަދަލުގައި ކޮމްޕިއުޓަރ ބޭސްޑް ނިޒާމަކަށް މުސަތަޤްބަލުގައި ބަދަލުވެގެންދާންޖެހޭކަން މިފުރުސަތުގައި ފާހަގަކޮށްލަން."
ސިވިލް ސާރވިސް މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކޮށް އިތުރަށް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދެއްވާކަން ކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ، ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރުން މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް އިތުރުކުރަމުން ގެންދާނެކަމަށެވެ.
ސިވިލް ސާރވިސްގައި ސައުވީސް ހާސް ފަސްސަތޭކަ ސޯޅަ މުވައްޒަފުން މަސައްކަތްކުރަމުން ގެންދެއެވެ. އެއީ ދިހަ ހާސް އަށްސަތޭކަ އެގާރަ ފިރިހެނުންނާއި، ތޭރަހާސް ހަތްސަތޭކަ ފަސް އަންހެނުންނެވެ.