ޚަބަރު

ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓް ހުޅުވައިފި


ދައުލަތުގެ މާލީ ދާއިރާގެ މީހުން ބިނާކުރުމަށް ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓް ހުޅުވައިފިއެވެ. މިތަން ހުޅުވައިދެއްވީ މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީގެ ގަވަރނަރ އަޙްމަދު ނަސީރެވެ.
ފިނޭންސް މިނިސްޓްރީގައި ހުޅުވި ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓް، އިސްމާއިލް ފަތުހީ މާލަމަކީ މާލީ ދާއިރާގައި މީހުން ބިނާކުރުމަށް އެޅިގެންދިޔަ ވަރުގަދަ ފިޔަވަޅެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިސްމާއިލް ފަތުހީ މާލަން އިފްތިތާހްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ މި އިންސްޓިޓިއުޓް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއާއި ދައުލަތުގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތައް ތަމްރީން ކުރާނެކަމަށެވެ. އަދި މި އިންސްޓިޓިއުޓްގެ ބޭނުމަކީ ފިނޭންސް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަކީވެސް އެ މިނިސްޓްރީގެ ހުރިހާ އެކައުންޓިންގ ކަންތައްތައް ފަރުމާކޮށް ސިސްޓަމްތައް ޒަމާނީ ކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރއެއްކަމަށްވާ ސިސްޓަމް އެޕްލިކޭޝަން ޕްރޮޑަކްޓްސް (އެސްއޭޕީ) އަށް އަހުލުވެރި ބަޔަކަށް ހެދުންކަމަށެވެ. މިހާރު އެސްއޭޕީ ޓްރެއިނިންގ ހަދަންޖެހެނީ ރާއްޖޭން ބޭރުގައިކަމަށާއި، މިއީ އަގުބޮޑު ޓްރެއިނިންއެއްކަން ފާހަގަކުރައްވާ މިނިސްޓަރ މުނައްވަރު ވިދާޅުވީ މި އިންސްޓިޓިއުޓް މެދުވެރިކޮށް އަގުހެޔޮކޮށް ރާއްޖޭގައި ތިބެގެން މި ތަމްރީން ހެދުމުގެ މަގު ފަހިވެގެންދާނެކަމަށެވެ.

"ކީތްވެގެންތޯ އަޅުގަނޑުމެން ބޭނުންވަނީ އެސްއޭޕީ ސެންޓަރަކަށް މިތަން ހަދަން. ސަބަބަކީ އަޅުގަނޑުމެން ބޭނުންވޭ ހުރިހާ ބޭފުޅުން ޙާއްސަކޮށް ފިނޭންސް މިނިސްޓްރީގެ ހުރިހާ ސްޓާފުން އެސްއޭޕީ ސެޓިފައިޑް ބޭފުޅުންނަށް ވެގެންދިއުން. މި ޓްރެއިނިންގ ސެންޓަރުގެ ބޭނުމަކީ ތި ހުރިހާ ބޭފުޅުން ޓްރެއިންކޮށް އަދިހަމަ އެހެންމެ ދައުލަތުގެ ހުރިހާ މާލީ ބޭފުޅުންވެސް ތަމްރީން ކުރަން އަޅުގަނޑުމެން ބޭނުންވާތީވެ މި ސެންޓަރ ޤާއިމްކުރެވިގެން މިދަނީ." ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.

މި ޓްރެއިނިނގް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި މި ސެންޓަރުގައި ހިންގާ ޓްރެއިނިންތަކުގެ ކަރިކިއުލަމް ތައްޔާރުކުރުމަށް ދިވެހި ޤައުމީ ޔުނިވަރސިޓީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އަލީ ފަވާޒް ޝަރީފްއެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރުއެވެ. ފިނޭންސް މިނިސްޓްރީން ބުނީ ޤައުމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރީ ވީހާވެސް ބޮޑަށް އެކަޑަމިކް ބޭފުޅުންނާއިއެކު މަސައްކަތްކުރުމުގެ މަޤްޞަދުގައިކަމަށެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ޤަވަރނަރ އަޙްމަދު ނަސީރު ވިދާޅުވީ މިފަދަ އިންސްޓިޓިއުޓެއް ޤާއިމްކުރެވުނުނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންދާނީ އެކަށީގެންވާ ފެންވަރުހުރި އިންސާނީ ވަސީލަތް ޤާއިމްކުރުންކަމަށެވެ. އެހެންކަމުން މިކަމުގައި ފިނޭންސް މިނިސްޓްރީން ފަހަތަށް ނުޖެހި ކުރިއަށް ދިއުމަށް ޤަވަރނަރ އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ފިޒިކަލް އިންފުރާސްޓްރަކްޗަރ ކިތަންމެ ރީތިކޮށްވެސް ޤާއިމްކުރެވިދާނެ. އެހެނަސް އެ ފިޒިކަލް އިންފުރާސްޓްރަކްޗަރ ބޭނުންކުރާނެ ނުވަތަ މިކަން ކުރިއަށްގެންދާނެ އެކަށީގެންވާ ފެންވަރުހުރި އިންސާނީ ވަސީލަތް ޤާއިމްކުރުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ޗެލެންޖަކީ. މި މަޤްސަދު ހާސިލްކުރުމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަން މިނިސްޓްރީ އޮފް ފިނޭންސް ހިންގަން ތިއްބެވި ބޭފުޅުންވެސް އަދި އެންމެހައި މުވައްޒަފުންވެސް މިކަމުގައި ފަހަތައް ޖެހިވަޑައިނުގަތް މި ސެންޓަރގެ މި ރިސޯސަސްތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިއްޕަވާނެކަމުގަ." އަޙްމަދު ނަސީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓަށް، އިސްމާއިލް ފަތުހީ މަލާމުގެ ނަމުން ނަންދީފައިވަނީ އިސްމާއިލް ފަތުހީއަކީ ފިނޭންސް މިނިސްޓްރީއަށް ގިނަ ޙިދުމަތްތަކެއް ކުރައްވާ، ޒަމާނީ ގޮތުން ފިނޭންސް މިނިސްޓްރީ ބައްޓަން ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މީހުން ތަމްރީން ކުރުމުގައި މަސައްކަތް ކުރަމުން އަންނަ ފަރާތަކަށް ވާތީކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.