އެމެރިކާގެ މިސައިލްތައް ސޫރިޔާއާ ދިމާއަށް ފޮނުވާނެކަމަށް ބުނެ، އެކަމަށް ތައްޔާރުވެ އޮތުމަށް އެމެރިކާއިން ރަޝިޔާއަށް އިންޒާރުދީފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ރަޝިޔާއަށް އިންޒާރު ދެއްވަމުން ވިދާޅުވީ، ގޭސް ބޭނުންކޮށްގެން ރައްޔިތުންނަށް ހަމަލާދީ، އެ މީހުން މަރައި، އެކަމުން އުފާ ލިބިގަންނަ ހައިވާނެއްގެ ބައިވެރިއަކަށް ރަޝިޔާ ނުވާން އެދިވަޑައިގަންނަވާކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސޫރިޔާއަށް މިސައިލް ޙަމަލާއެއް ދޭނެކަމުގެ އިންޒާރު ދެއްވާފައި މި ވަނީ، ސޫރިޔާގެ އިރުމަތީ ޣޫތާގެ ދޫމާ ސަރަހައްދަށް މިދިޔަ އަންގާރަ ދުވަހު ދިންކަމަށް ބުނެވޭ ކެމިކަލް ހަމަލާގެ ފަހަތުގައިވަނީ ސޫރިޔާ ސިފައިންކަމަށް ތުހުމަތުކުރެއްވުމަށްފަހުގައެވެ. އެހެން ނަމަވެސް އެ ޙަމަލާތަކުގެ ފަހަތުގައިވަނީ އެމެރިކާ އާއި ބޭރުގެ އެހެން ޤައުމުތަކުގެ މަދަދު ލިބިގެން ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކުންކަން ނޫނީ ސޫރިޔާގެ އަސްކަރިއްޔާކަން އަދި ސާފުވެފައެއްނުވެއެވެ. އެ ހަމަލާ އެއްވެސް ވަރަކަށް ތަޙުޤީޤު ކުރުމަކާނުލައި އެމެރިކާއިންވަނީ އެކަމުގެ ޒިންމާ ސޫރިޔާ ސަރުކާރުގެ ބޮލުގައި އަޅުވާފައެވެ.
ރަޝިޔާއިން ވަނީ ދޫމާއަށް ކެމިކަލް ހަމަލާއެއް ދިންކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތްކަމަށާއި އެކަމުގެ ޒިންމާ ސޫރިޔާ ސަރުކާރުގެ ބޮލުގައި އެޅުވުމަކީ ސިޔާސީ ކަމެއްކަމަށް ސިފަކޮށްފައެވެ. އަދި މިކަމާ ގުޅިގެން އެމެރިކާއިން ސޫރިޔާއަށް ހަމަލާ ދީފިނަމަ ވަރުގަދައަށް ރައްދު ދޭނެކަމުގެ އިންޒާރުވެސް ރަޝިޔާއިން ވަނީ ދީފައެވެ.
ރަޝިޔާ ސިފައިންގެ އިސް ކޮމާންޑަރު އަދި ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ވެލަރީ ގްރަސިމޯފް އެމެރިކާއަށް އިންޒާރު ދެއްވަމުން ވިދާޅުވެފައިވަނީ، އެމެރިކާއިން ސޫރިޔާއަށް ހަމަލާދިނުމަށް ފޮނުވާލާ ކޮންމެ މިސައިލެއް އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލާނެކަމަށާއި، އެ މިސައިލް ފޮވުމަށް ބޭނުންކުރި މަރުކަޒުތަކާއި ހަރުތައްވެސް ހަލާކުކޮށްލާނެ ކަމަށެވެ. މިއީ ފަހުގެ ތާރީޚެއްގައި ރަޝިޔާއިން އެމެރިކާއަށް ނުދޭފަދަ ހަރުކަށި އިންޒާރެކެވެ.
މި އިންޒާރަށް ރައްދު ދެއްވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސޫރިޔާއަށް ހަމަލާދިނުމަށް އެމެރިކާ ބޭނުންކުރާނީ އަމިއްލައަށް މިސްރާބު ހޯދައިގެން އަމާޒަށް ވާސިލްވުމުގެ ޤާބިލުކަން ލިބިފައިވާ އާދަޔާ ޚިލާފު ސްމާޓް މިސައިލްކަމަށާއި، އެފަދަ މިސައިލްތައް ވައްޓާލުމުގެ ޤާބިލިއްޔަތު ރަޝިޔާއަށް ލިބިފައިނުވާނެކަމަށެވެ. ރައްދުގައި ރަޝިޔާއިން ބުނެފައިވަނީ އެމެރިކާ އިސްވެ ސޫރިޔާއަށް ހަމަލާދޭން އުޅެނީ ސޫރިޔާގެ ދޫމާއަށް ދިންކަމަށް ބުނެވޭ ކެމިކަލް ހަމަލާތަކުގެ ހެކި ނައްތާލުމުގެ ބޭނުމުގައި ކަމަށެވެ.
އަދި އެމެރިކާގެ ހަމަލާތަކުގެ އަމާޒަކަށް ވާންޖެހޭނީ ސޫރިޔާގެ ޝަރުއީ ސަރުކާރުގެ ބަދަލުގައި ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް ކަމަށްވެސް ރަޝިޔާއިން ބުނެފައިވެއެވެ. ރަޝިޔާއިން ވަނީ އެ ގައުމުގެ އަސްކަރީ ޤާބިލިއްޔަތާއި ޢަޒުމު އެމެރިކާއަށް ވަޒަންނުކުރެވޭކަމަށް ބުނެ އެމެރިކާއަށް ގޮންޖަހާފައެވެ.