ތަޢުލީމު

ޓެބްލެޓާއެކު ބޭނުންކުރާނީ ގޫގުލް ކުލާސްރޫމް އެޕްލިކޭޝަން


ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކުރަން ފަށާއިރު، ކުލާސް ރޫމް ލެވެލްގައި ބޭނުންކުރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ގޫގުލް ކުލާސްރޫމް އެޕްލިކޭޝަންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލީމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ޓެބްލެޓްތައް ބޭނުންކުރަން ފަށާއިރު ގޫގުލް ކްލާސްރޫމް އެޕްލިކޭޝަން ބޭނުންކުރުމަށް ނިންމާފައިވާކަަމަށާއި، އެހެންނަމަވެސް މުސްތަޤުބަލުގައި އިތުރު ސޮފްޓްވެއަރއެއްގެ ބޭނުމެއް އޮވެއްޖެނަމަ އަަަމިއްލަ ސޮފްޓްވެއަރވެސް ޑިވެލޮޕްކުރާނެކަމަށެވެ.
ގޫގުލް ކުލާސްރޫމަކީ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި ސްކޫލްތަކުގައި ކިޔަވައިދޭން ބޭނުންކުރަމުންދާ ސިސްޓަމެކެވެ. މިއީ ގޫގުލް އިން ވަރަށް ރަނގަޅަށް ޓެސްޓްކޮށް ޓީޗަރުންގެ ފީޑްބެކާއެކު ވަރަށް ރަނގަޅަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.
ޝަފީއު ވިދާޅުވީ މި ވަގުތު މުޅިން އަލަށް އެއްޗެއް ތައްޔާރުކުރުމުގެ ބަދަލުގައި ލިބެން ހުރި ރިސޯސަސް ބޭނުންކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ. ޝަފީޢު ވިދާޅުވީ ކިޔަވައިދިނުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަމުންދާނީ ގޫގުލް ކުލާސްރޫމް އެޕްލިލެޝަނާއި އޭގައި ހިމެނޭ އެހެނިހެން ބައިތައްކަމަށެވެ.

"
" ގޫގުލް ސޫޓްގައި ހިމެނޭ ހުރިހާއެއްޗެއް ކުދިންނާއި ޓީޗަރުން ބޭނުންކުރަމުން ގެންދާނެ. ވަރޑް ޕްރޮސެސިންއާއި ސްޕްރެޑްޝީޓްއަށް ބޭނުންކުރާ އަދި ޕްރެޒެންޓޭޝަނަށް ބޭނުންކުރާ އެއްޗެއްސާއި އަދި ވީޑިއޯގެ ޒަރިއްޔާއިން ބޭނުންކުރުމަށްޓަކައި ގޫގުލް ހޭންގްއައުޓް ފަދަ އެއްޗެހި ބޭނުންކުރަމުން ގެންދާނެ. މި އެއްޗެއްސަކީ ކުރިއަށްދާއިރު ޓެކްނޮލަޖީއަކީ އެއާއެކުއެކީގައި އަޅުގަނޑުމެންނަށް އެހެން ހުރިހާ ވަސީލަތްތަކާއެކު ބޭނުންކޮށްގެން ކުރިއަށް ދާނެ ކަންތައްތަކެއް. އެހެންވީމަ މި ގޮތަށް ހުރި ވަސީލަތްތައް އަދި އޯޕަން އެޑިއުކޭޝަނަލް ރިސޯސަސްގޮތުގައި ހުންނަ އެކިއެކި މާއްދާތަކާއި ޓީޗަރުންނަށްވެސް ބޭނުންވާ އެކަހަލަ އޯޕަން އެޑިއުކޭޝަން ރިސޯސަސް މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ފުރަތަމަ ބޭނުންކުރަމުންދާނީ."
އަޙްމަދު ޝަފީޢު

ޝަފީޢު ވިދާޅުވީ ގޫގުލް ކްލާސްރޫމް ބޭނުންކުރިނަމަވެސް ޓެކްސްޓް ފޮތްތަކާއި އެކަމަށް ހާއްސަކޮށްފައިހުރި ތަކެތި ޓީޗަރުންނާއި ދަރިވަރުން ބޭނުންކުރަމުންދާނެކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކުރަން ފެށުމުގެ ކުރިން އެކަމަށް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ބައެއް ޓީޗަރުން ތަމްރީނުކޮށްފައިވާކަމަށާއި، އިތުރު ޓީޗަރުން ތަމްރީނުކުުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އެމިނިސްޓްރީން ބުނެއެވެ.