2018 ވަނަ އަހަރު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު 6 އިންސައްތައިގައި ހިފެހެއްޓޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީގެ އިޤްތިޞާދީ ރިވިއުއިން ދައްކައިފިއެވެ.
2017 ވަނަ އަހަރު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާފައިވާއިރު، 2018 ވަނަ އަހަރު އުފެއްދުންތެރިކަން ކުރިއަރާ މިންވަރު %6.0 ގައި ހިފެހެއްޓޭނެކަމަށް އަންދާޒާކުރެވޭނެކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ. އިގްތިސާދުގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު 2018 ވަނަ އަހަރު ހިފެހެއްޓޭނެކަމަށް ލަފާކުރެވެނީ އިމާރާތްކުރުމުގެ ދާއިރާ އިތުރަށް ފުޅާވުމުގެ ސަބަބުން އިގްތިސާދުގައި ކުރާ ހޭދަ އިތުރުވެގެން ދިޔުމާއެކު އިގްތިސާދީ ދުވެއްޔަށް އިތުރު ބާރެއް ލިބޭނެކަމަށް ލަފާކުރެވޭތީއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ވެސް 2018 ވަނަ އަހަރު ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށް އިޤްތިޞާދީ ރިވިއުގައި ބުނެފައިވެއެވެ.
2018 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން %3 އަށް އިތުރުވެފައެވެ. 2017 ވަނަ އަހަރަށް ރިވައިޒް ކުރި ބަޖެޓުގައި މި އަދަދު ހުރީ %2 ގައެވެ. 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަންދާޒާކުރި ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބަލާއިރު، 2017 ވަނަ އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން %22 ގައި ހުރުމަށްފަހު، 2018 ވަނަ އަހަރު %18 އަށް ކުޑަވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ރާއްޖޭގައި ހިންގާ ބޮޑެތި ބައެއް މަޝްރޫއުތައް ނިމި، މި މަޝްރޫއުތަކުގެ އިމްޕޯޓަށްކުރާ ހޭދަ ނިސްބަތުން މަދުވާނެކަމަށް އަންދާޒާކުރެވޭތީކަމަށްވެސް އިޤްތިސާދީ ރިވިއުއިން ދައްކައެވެ.