ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަނަކަށް އަކްރަމް އަބުދުލްޣަނީ ހަމަޖައްސައިފިއެވެ.
ސާފްޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމްގެ ކެޕްޓަން އައްސަދު އަބްދުލްޣަނީގެ ކޮއްކޮ އަކްރަމް ކެޕްޓަނަކަށް ހަމަޖެއްސިކަން ކޯޗު ޕީޓަރ ސެގާޓް ވަނީ އިއުލާންކޮށްފައެވެ. ޓީމްގެ ކެޕްޓަން އަލީ އަޝްފާޤު، މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށްދާން އިންކާރުކުރުމުން އޭނާ ޓީމުން ބާކީކޮށް، އެންމެ ފަހުން މެޗުތަކުގައި ކެޕްޓަންކަން ކުރި އަސްއަދު އަލީވެސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މިއަދު ކުއްލި ގޮތަކަށް އިއުލާންކޮށްފައިވަނިކޮށް ކޯޗު ބުނީ ޓީމްގެ އާކެޕްޓަނަކީ އަކްރަމްކަމަށެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް، އަދި ނޫސްވެރިންނަށް މައުލޫމާތު ޙިއްޞާކުރުމަށް އެފްއޭއެމްއިން ހަދާފައިވާ ވައިބަރ ގްރޫޕް މެދުވެރިކޮށް ކޯޗު ބުނީ އަކްރަމް ކެޕްޓަނަކަށް ހަމަޖެއްސިކަން އިއްޔެ އަކްރަމްގެ އިތުރުން އަސްއަދު އަލީއާވެސް ޙިއްޞާކުރިކަމަށެވެ. ކޯޗު ބުނެފައިވަނީ އެދެކުޅުންތެރިންނަކީވެސް ޓީމް ލީޑް ކުރެވޭވަރުގެ ރަނގަޅު ދެ ކުޅުންތެރިންކަމަށެވެ. ނަމަވެސް ދަނޑުމަތީގައި ލީޑަރެއްގެ ގޮތުގައި ކެޕްޓަންގެ ޒިންމާ އަދާކުރެވޭނީ އެއް ކުޅުންތެރިއަކަށްކަމަށެވެ.
އެ ދެކުޅުންތެރިންގެ ތެރެއިން އަކްރަމްއަށް ބޭންޑް ދޭން ނިންމި ސަބަބެއްކަމަށް ކޯޗު ބުނެފައިވަނީ މިއަހަރަށްފަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން އައްސަދު އަލީ އޭނާއާ ޙިއްޞާކޮށްފައިވުމުންނާއި، އަކްރަމް އަދި އިތުރު އަހަރުތަކެއްގައި ޤައުމީ ޓީމަށް ކުޅޭނެތީކަމަށެވެ. އަސްއަދު އަލީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރިފަހުން ކޯޗު ބުނެފައިވަނީ އޭނާގެ އެ ނިންމުމުގެ ސަބަބުން އައްސަދު މާޔޫސްވާނެކަން އިނގޭކަމަށެވެ.
އަޝްފާޤު ޓީމުން ބާކީ ކުރުމުން އަމާޒުވަމުންދާ ފާޑުކިއުންތަކަށް އިޝާރާތްކޮށް ކޯޗު ބުނެފައިވަނީ ޓީމުން ފުރުޞަތު އޮތީ %100 ދޭ ކުޅުންތެރިންނަށް ކަމަށެވެ. އެވާހަކަ އޭނާ ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ. ބޫޓާން މެޗަށްފަހުވެސް އަޝްފާޤަށް ޤައުމީ ޓީމުން ފުރުސަތު އޮންނާނެކަމަށާއި، ހުރިހާ ކުޅުންތެރިންވެސް އޭނާގެ ނިންމުންތަކަށް އިޚުތިރާމްކުރަން ޖެހޭނެކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.
"ބޫޓާން މެޗަށްފަހު އަޝްފާގު ޤައުމީ ޓީމަށް ކުޅެން ބޭނުމިއްޔާ އެފުރުސަތު އޮންނާނެ، އަހަންނާއި ވާހަކަދައްކައިގެން ގޮތް ނިންމޭނެ. އެކަމަކު ހުރިހާ ކުޅުންތެރިންވެސް އަބަދުވެސް ޤައުމީ ޓީމްގެ ކޯޗުގެ ގޮތުގައި އަހަރެން ހުރިހާ ދުވަހަކު އަހަރެންގެ ފަހުގެ ނިންމުމަށް އިޚުތިރާމްކުރަންޖެހޭނެ." ޤައުމީ ޓީމާއި ދާދިފަހުން ހަވާލްވި ކޯޗު ބުންޏެވެ.